ލަންކާއަށް ދަތުރުކުރާ ދިވެހިން އަނެއްކާވެސް ދުރާލާ އީޓީއޭ ފުރަންޖެހޭގޮތަށް ހަމަޖައްސައިފި

ލަންކާއަށް ދަތުރުކުރާ ދިވެހިން އަނެއްކާވެސް ދުރާލާ އީޓީއޭ ފުރަންޖެހޭގޮތަށް ހަމަޖައްސައިފި

Author
އަހުމަދު
23 މެއި 2026 11:23
0

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން ދުރާލާ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ފުރަންޖެހޭ ގޮތަށް އެގައުމުގެ ސަރުކާރުން އަނެއްކާވެސް އުސޫލު ބަދަލުކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން އާންމުކޮށްފައިވާ ނޯޓިސްއެއްގައި ބުނެފައިވާ ގޮތުން، ފަތުރުވެރިކަމުގެ ބޭނުމަށް އެގައުމަށް ދާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އީޓީއޭ ހުށަހަޅަން ޖެހޭނެއެވެ. މި އުސޫލުގެ ދަށުން، ދަތުރުކުރުމުގެ 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ޚާއްސަ ވެބްސައިޓް މެދުވެރިކޮށް މި ފޯމު ފުރިހަމަ ކުރަންޖެހޭނެއެވެ. އީޓީއޭ ނަގަން ޖެހުނު ކަމުގައި ވިޔަސް، ކުރިއެކޭ ވެސް އެއްގޮތަށް ދިވެހިންނަށް 90 ދުވަހުގެ ޓޫރިސްޓް ވިސާ އެއްވެސް ފީއަކާ ނުލައި ހިލޭ ލިބޭނެކަމުގެ ޔަގީންކަން އެ ނޯޓިސްގައި ދީފައިވެއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީޓީއޭ ފުރަން ޖެހުނު ނަމަވެސް ދިވެހިންނަށް ވިސާ ދޫކުރުމަށް ލަންކާއިން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށެވެ. އަދި މި އުސޫލުގެ ސަބަބުން ދިވެހިންނަށް ދިމާވެދާނެ ދަތިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ދިވެހި ސަރުކާރުން ލަންކާ ސަރުކާރާއެކު މިހާރުވެސް މަޝްވަރާކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ލަންކާއަށް ދަތުރުކުރާ އެންމެހާ ދިވެހިން ވެސް ގަވާއިދާ އެއްގޮތަށް އީޓީއޭ ފޯމު ހުށަހެޅުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.