ޒަކާތު ފަންޑުން މިދިޔަ މަހު 3.8 މިލިއަން ރުފިޔާ ޚަރަދުކޮށްފި، އެންމެ ބޮޑު ހޭދައެއް ބޭސްފަރުވާއަށް

ޒަކާތު ފަންޑުން މިދިޔަ މަހު 3.8 މިލިއަން ރުފިޔާ ޚަރަދުކޮށްފި، އެންމެ ބޮޑު ހޭދައެއް ބޭސްފަރުވާއަށް

Author
އަހުމަދު
21 މެއި 2026 04:54
0

މިދިޔަ މަހު މުދަލު ޒަކާތުގެ ފަންޑުން ޖުމްލަ 3.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ އޭޕްރީލް މަހު ޒަކާތު ފަންޑުން 2.8 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، މިއަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ މަހު މައިގަނޑު ތިން ބަޔަކަށް ފަންޑުން ޚަރަދުކޮށްފައިވާއިރު، އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ފީސަބީލިﷲ ބައިންނެވެ. އެއީ ޖުމްލަ 2.17 މިލިއަން ރުފިޔާއެވެ. މި ފައިސާ މައިގަނޑު ގޮތެއްގައި ހޭދަކޮށްފައިވަނީ މަތީ ތައުލީމު ހާސިލުކުރުމަށާއި، ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށާއި، އަތޮޅުތެރޭގައި ޤުރުއާނާބެހޭ މަރުކަޒުތައް ބިނާކުރުމަށެވެ. އެގޮތުން ޤުރުއާންގެ އިލްމު ފެތުރުމަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ އަދި މަރުކަޒުތައް އެޅުމަށް ހަތް ލައްކަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި މަތީ ތައުލީމަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ފަގީރުންނާއި މިސްކީނުންގެ ބަޔަށް ބަލާއިރު، ޖުމްލަ 1.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރެއިން 1.2 މިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ ނިކަމެތިންގެ ބޭސްފަރުވާގެ އެހީއަށެވެ. މިއީ ވަކިވަކި ކަންކަމަށް ބަލާއިރު ފަންޑުން އެންމެ ބޮޑު ހޭދައެއް ކުރި ކަންތަކެވެ. މީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް 182،731 ރުފިޔާ ވަނީ އެހީގެ ގޮތުގައި ދޫކޮށްފައެވެ.

މި ހިސާބުތަކުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ޒަކާތުގެ ކަންކަން ހިންގުމާ ހަވާލުވެތިބޭ މުވައްޒަފުންނާއި އިދާރީ ހިންގުމުގެ ޚަރަދުތައް ހިމެނޭ "ޢާމިލުން"ގެ ބައިން ކުރި ޚަރަދު މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފައިވުމެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ބަޔަށް 483,077 ރުފިޔާ ޚަރަދުވި ނަމަވެސް، މިދިޔަ މަހު އެ އަދަދު ހުރީ 195,003 ރުފިޔާއަށް ތިރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.