އަންނަ ހަފްތާގެ ބުދަ ދުވަހު ފާހަގަކުރާ މިއަހަރުގެ ބޮޑު އީދު ނަމާދުގެ ބޮޑު ޖަމާއަތް، މާލޭ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
މިއަހަރުގެ އީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ. އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދޭގޮތުގައި، މާލޭ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ނަމާދުކުރުން އޮންނާނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑުގެ އިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައެވެ.
ހުސް މައިދާންތަކުގެ އިތުރުން މާލޭ ސަރަހައްދުގެ 25 މިސްކިތެއްގައިވެސް އީދު ނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލޭގެ އިސްލާމީ މަރުކަޒާއި، ސަލްމާން މިސްކިތާއި، މަސްޖިދުލް ފުރްޤާން ފަދަ ބޮޑެތި މިސްކިތްތައް ހިމެނޭހެން ޖުމްލަ 17 މިސްކިތަކާއި، ވިލިމާލޭގެ މަސްޖިދުއްސަލާމް ހިމެނެއެވެ. އަދި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 5 މިސްކިތެއްގައާއި (މަސްޖިދުއް ޝައިހް ޤާސިމް، މަސްޖިދު ރަޝީދު، މަސްޖިދު އަޒީޒާ މޫސާ، މަސްޖިދު އަސްދީގާ، މަސްޖިދުލްވާލިދައިނި) ދެވަނަ ފިޔަވަހީގެ 2 މިސްކިތެއްގައި (މަސްޖިދުލް އީމާން، މަސްޖިދު އުސްމާން ބިން އައްފާން) ވެސް އީދު ނަމާދުކުރާނެއެވެ.
މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ހުސް މައިދާންތަކުގައި ކުރާ ބޮޑު ޖަމާއަތް ކެންސަލްކުރަން ޖެހިއްޖެ ހާލަތެއްގައި، މާލެ ސިޓީގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ