މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ހޯދުމަށް ޕީއެސްޖީއާ ދާދި ފަހުން ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޕޮގްބާ ހޯދުމަށް މި މަހު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗުގެ މަގާމާ ހަވާލުވި ޕޮޗެޓީނޯ ބޭނުންވެއެވެ. އެހެންކަމުން ޕޮޗެޓީނޯގެ އެދުމުގެ މަތިން ޕޮގްބާ ހޯދުމަށް ޕީއެސްޖީގެ މެނޭޖުމަންޓުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. ޕޮގްބާ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އެކަމަކު ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް ޕޮގްބާގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އޮތްއިރު، އެ ފުރުސަތުގެ ބޭނުން ހިފައި 2022 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޕޮގްބާ ޔުނައިޓެޑުގައި ބެހެއްޓުމަށް އެ ޓީމުން ވަނީ ނިންމާފައެވެ.
ދާދި ފަހުން ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ޔުނައިޓެޑުގައި ޕޮގްބާ މިހާރު ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށާއި، މީހުން ބޭނުންވާ ވަރަށް އޭނާއަށް މިހާރު ޔުނައިޓެޑުގައި ނުކުޅެވޭ ކަމަށް ބުނެފައެވެ. އަދި އެއީ އޭނާވެސް ކަންބޮޑުވާ ކަމެއް ކަމަށާއި، އެހެންކަމުން ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ޕޮގްބާ ބަދަލުވާން ޖެހޭ ކަމަށްވެސް ބުންޏެވެ. އެއާއެކު މި ޖެނުއަރީ ޓްރާންސްފާގައި ޕޮގްބާ ވިއްކާލަން ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ ކުރިން އެތައް ފަހަރަކު ޔުނައިޓެޑް ދޫކޮށްލަން ޕޮގްބާ މަސައްކަތް ކޮށްފައިވާއިރު، ޕީއެސްޖީގެ އިތުރުން ރެއާލް މެޑްރިޑާއި ޔުވެންޓަސްއިންވެސް އަންނަނީ ޕޮގްބާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ