ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) 'ދަ ޕްރެސް' އަށް ވިދާޅުވީ، ހަތަރު މީހުންގެ ހަށިގަނޑު ވެސް ދެނެގަނެވިފައިވާ ކަމަށާއި މި ވަގުތު ހަށިގަނޑުތައް ހުރީ މޯޗަރީގައި ކަމަށެވެ. އެގޮތުން އިއްޔެ ނަގާފައިވަނީ ފެޑެރިކޯ އާއި ޕްރޮފެސާ މޮނިކާގެ ހަށިގަނޑު ކަމަށާއި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނެގީ މިއަދު ކަމަށް ވިދާޅުވިއެވެ. އަދި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިޓަލީ ސަރުކާރާ މަޝްވަރާކޮށް، ހަށިގަނޑުތައް އަނބުރާ އެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިނަށް ފޭބި އިޓަލީގެ ފަސް ފަތުރުވެރިން ބުރާސްފަތި ދުވަހު ގެއްލިގެންނެވެ. އެމީހުން ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ އެދުވަހު މެންދުރުފަހު 13:45 ހާއިރުއެވެ. ފުރަތަމަ ޑައިވަރުގެ ހަށިގަނޑު ފެނުނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިންނެވެ.
ފުރަތަމަ ހަށިގަނޑު ފެނުމަށްފަހު ބާކީ ތިބި ހަތަރު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ދަނިކޮށް، ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މަސައްކަތް މެދުކަނޑައިލިއެވެ. އަލުން މަސައްކަތް ފަށާފައި ވަނީ، އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑްގެ ތަޖުރިބާކާރު ޑައިވަރުންނާ އެކު، މި މަހުގެ 18 ވަނަ ދުވަހުއެވެ. އެ ދުވަހު ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ވެސް ކޭވްގެ ތެރެއިން ލޮކޭޓްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.
މި އޮޕަރޭޝަންގައި އެހީތެރިވި ޑޭން ކޮމްޕެނީއާއި ފިންލެންޑްގެ ޑައިވަރުންނާއި، ހިލޭ ސާބަހަށް އެހީތެރިކަން ފޯރުކޮށްދިން ރާއްޖޭގެ ދެ ކުންފުނި ކަމަށްވާ ފޯސައިޓް އާއި ވޯޓާ ސޮލިއުޝަންސް އަށާއި، އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ ޑައިވަރުންނަށް ތަރުޖަމާނު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ