ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަޑު ހޯދުމަށް 3 ގަޑިއިރު ހޭދަވި

ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަޑު ހޯދުމަށް 3 ގަޑިއިރު ހޭދަވި

Author
އަހުމަދު
19 މެއި 2026 05:26
0

ވ. އަތޮޅު "މިޔަރު ޑައިވް" ސައިޓުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން، ބައިނަލްއަގުވާމީ ޓީމަކުން ކުރިއަށްގެންދިޔަ ހައި-ރިސްކް އޮޕަރޭޝަނެއްގައި ހޯދައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އާއި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމަކުން ފެށީ މިއަދު މެންދުރު 12:30 ގައެވެ. ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަނުގައި ޓީމުން ވަނީ ކާމިޔާބުކަމާއެކު ހޮހަޅަ ހޯދައި، އެތެރޭގެ ހާލަތު ދެނެގަނެ، ގެއްލުނު ހަތަރު މީހުން ތިބި ސީދާ ތަންވެސް ދެނެގަނެފައެވެ. މި ހާދިސާގައި ގެއްލުނު ފަސް މީހުންގެ ތެރެއިން އިންސްޓްރަކްޓަރުގެ ހަށިގަނޑު މީގެ ކުރިން ވަނީ 60 މީޓަރު އަޑިން ފެނިފައެވެ. ބާކީ ތިބި ހަތަރު މީހުން ފެނިފައިވަނީ ގާތްގަނޑަކަށް 200 ފޫޓު ފުން މި ހޮހަޅައިގެ އެތެރެއިންނެވެ.

މިއީ ނަފްސާނީ ގޮތުންނާއި ޓެކްނިކަލް ގޮތުން ވެސް ނުހަނު ގޮންޖެހުން ބޮޑު، އުނދަގޫ އޮޕަރޭޝަނެއް ކަމަށް ޑޭންއިން ވަނީ ބުނެފައެވެ. މި އޮޕަރޭޝަން ކާމިޔާބުކުރުމަށްޓަކައި ޓީމުން ވަނީ ކްލޯޒްޑް-ސާކިޓް ރީބްރީދާސް އާއި ހައި-ޕާފޯމަންސް ޑީޕީވީ ފަދަ އެންމެ ޒަމާނީ ވަސީލަތްތަކާއި، ފުރިހަމަ ރެޑަންޑަންޓް ލައިފް-ސަޕޯޓް ނިޒާމުތައް ބޭނުންކޮށްފައެވެ. ޑޭން ޔޫރަޕުގެ ސީއީއޯ ލޯރާ މަރޯނީ ވަނީ މި ނުރައްކާތެރި މާހައުލުގައި ޕްރޮފެޝަނަލްކަމާއި އިންސާނިއްޔަތުކަމާއެކު ހަރަކާތްތެރިވި ސްޕެޝަލިސްޓުންގެ ޓީމްވޯކާއި ފުރިހަމަ ތައްޔާރީތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ.

ހަށިގަނޑުތައް ފެނިފައިވާއިރު، ދެން އޮތީ އެ މީހުން މައްޗަށް ނެގުމުގެ މަރުހަލާއެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، އެއްފަހަރާ ހަތަރު ހަށިގަނޑު ނެގުމަކީ އެންމެ ރައްކާތެރި ގޮތަކަށް ނުވެދާނެތީ، ފިންލެންޑް ޓީމުން ނިންމާފައިވަނީ މާދަމާ ދެ ހަށިގަނޑު ނެގުމަށްފަހު، އަނެއް ދެ ހަށިގަނޑު ޖެހިގެން އަންނަ ދުވަހު ނެގުމަށެވެ. މިހާރު ކުރިއަށްދަނީ ރިކަވަރީ އޮޕަރޭޝަންގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.