"އަދަދު"ގެ ޑޮކިއުމެންޓްރީއާ ގުޅޭ ގެގް އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބޭރުކޮށްލައިފި

"އަދަދު"ގެ ޑޮކިއުމެންޓްރީއާ ގުޅޭ ގެގް އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބޭރުކޮށްލައިފި

Author
އަހުމަދު
17 މެއި 2026 02:46
0

"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ހައި ކޯޓުގެ ރަޖިސްޓްރާ މި މައްސަލަ ބަލައިނުގަންނަން ނިންމެވީ، އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ، އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު އެ ޖަމްއިއްޔާއަށް ނެތްކަމަށް ކަނޑައެޅުމަށްފަހު އެވެ. ކްރިމިނަލް ކޯޓުން މުޅި އާންމު މުޖުތަމައުގެ މައްޗަށް ނެރުނު މި ހަރުކަށި އަމުރުގައި އަންގާފައިވަނީ އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާކޮށް އަދި ނުސީދާކޮށް ވެސް ނުދެއްކުމަށެވެ. މީގެ އިތުރުން މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަކަށްވީ މީހުންގެ ވާހަކަތަކުގެ އިތުރުން ޝަރީއަތާ ގުޅުންހުރި ލިޔެކިޔުންތަކާއި މައުލޫމާތު ފެތުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި އެއިން ކަމަކާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެކަމަށް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

ދައުލަތުގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން މި އަމުރު ނެރުނީ "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފް ކުރުމުގެ ދައުވާ އުފުލުމާ ގުޅިގެންނެވެ. މި އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ޖަލަށްލުމަށް ވެސް މީގެ ކުރިން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެމްޖޭއޭއިން ބުނެފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ މި އަމުރުގެ ސަބަބުން ނޫސްވެރިންނަށް ޚަބަރު ފެތުރުމަށް ހުރަސްއެޅި، މައުލޫމާތު ލިބިގަތުމަށް ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުން ވަނީ މަހުރޫމުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.