ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް ނިޔާވި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީއަކީ ދިވެހި ޤައުމު ފަޚުރުވެރިވާ ފަދަ ނަމޫނާ ޝަޚުސިއްޔަތެއް ކަމުގައި އެމްއެންޑީއެފުން ސިފަކޮށްފިއެވެ.
ފުލުހުންނާއި ކޯސްޓްގާޑު ގުޅިގެން ސަލާމަތީ ފިޔަވަޅުތަކާއެކު ކުރިއަށްގެންދިޔަ މި "ސަރޗް އެންޑް ރިކަވަރީ" އޮޕަރޭޝަނުގައި މަހުދީ ނިޔާވުމަކީ މުޅި ޤައުމަށާއި ދިވެހި ސިފައިންގެ މުއައްސަސާއަށް ލިބުނު ވަރަށް ބޮޑު އުނިކަމަކާއި ފުން ހިތާމައެއްކަމަށް އެމްއެންޑީއެފްގެ ތަޢުޒިޔާގެ މެސެޖުގައި ފާހަގަކޮށްފައިވެއެވެ.
މީލާދީން 2005 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތް މަހުދީއަކީ ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި އަމިއްލަ ނަފުސަށްވުރެ ޤައުމީ ވާޖިބު އިސްކުރެއްވި ހިތްވަރުގަދަ ބޭކަލެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ޑައިވިންގ ދާއިރާއިން މަތީ ތަމްރީނުތައް ހާސިލުކުރައްވައި، ޓެކްނިކަލް ޑައިވަރެއްގެ ގޮތުގައި އޭނާ ވަނީ ކަނޑުމަތީގެ ނުރައްކާތެރި އެތައް ހާދިސާއެއްގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކޯސްޓްގާޑުން ހިންގި ބޮޑެތި އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މިއީ އިންސާނިއްޔަތަށާއި ޤައުމަށް އޭނާގެ ހިތުގައި އޮތް ލޯބި ހާމަކޮށްދިން ފަޚުރުވެރި ޚިދުމަތްތަކެކެވެ.
ރަސްމީ ޢިއްޒަތުގައި ރޭ މަހުދީގެ ޖަނާޒާ ބާއްވާފައިވާއިރު، އެމްއެންޑީއެފުން ވަނީ އޭނާއަށް ޝަހީދެއްގެ މަތިވެރި ދަރަޖަ ދެއްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކޮށްފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި މަހުދީގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް ވެސް އެދިފައިވެއެވެ.
ކޮމެންޓު ފޮނުވާ