އިޓަލީގެ ފަތުރުވެރިންތަކެއް ހޯދުމަށް އެމްއެންޑީއެފްއިން ހިންގި އޮޕަރޭޝަނެއްގައި، ސާޖަންޓް ފަސްޓްކްލާސް މުހައްމަދު މަހުދީ ނިޔާވި ހާދިސާ ހިނގިގޮތް ސަރުކާރުން ހާމަކޮށްފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ މި އޮޕަރޭޝަނުގައި އެންމެ ފުރަތަމަ މޫދަށް ފޭބީ ޖުމްލަ އަށް ޑައިވަރުން ކަމަށެވެ. ނަމަވެސް، ޑައިވްކުރުމަށްފަހު އެހެން ޑައިވަރުން މައްޗަށް އެރިއިރު އޭގެ ތެރޭގައި މަހުދީ ނެތްކަން ފާހަގަކުރެވުމާއެކު، ވަގުތުން އަލުން މޫދަށް ފައިބައި އޭނާ ހޯދުމުގެ މަސައްކަތް އެހެން ޑައިވަރުން ފެށީކަމަށް މުންދު ވިދާޅުވިއެވެ.
އެހެން ޑައިވަރުންނަށް މަހުދީ ފެނުނުއިރު އޭނާ އޮތީ ހަބަރު ހުސްވެފައި ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެއާއެކު މެންދުރުފަހުގެ ވަގުތެއްގައި މަހުދީ މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށުނު ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ ނިޔާވެފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން އިޓަލީގެ ހާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި އޭނާ ވިދާޅުވެފައިވަނީ، އިޓަލީގެ ރައްޔިތުންތަކެއް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ދިވެހި ސިފައިންގެ ހިތްވަރުގަދަ މީހަކު ނިޔާވުމަކީ އިޓަލީއަށް ލިބުނު އިތުރު ފުން ހިތާމައެއް ކަމަށެވެ. އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެއަށް ލިބުނު ހިތާމައިގައި އެ ގައުމުން ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ