ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިތުރު ބުރު ޖޫން 13 ގައި

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިތުރު ބުރު ޖޫން 13 ގައި

Author
އަހުމަދު
16 މެއި 2026 09:23
0

ދ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން، އެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ އިތުރު ބުރު އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ނިންމައިފިއެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި އަލުން އިންތިޚާބެއް ބާއްވަން މި ނިންމީ، މިދިޔަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ބެހެއްޓި މީދޫ-2 ނަންބަރު ވޯޓު ފޮށީގެ އެއް ވޯޓު ކަރުދާހަކީ ސައްޙަ ވޯޓެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ. ކޯޓުގެ މި ޙުކުމާއެކު، އެ މަޤާމަށް ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ޢަދަދު ވަނީ އެއްވަރުވެފައެވެ.

އަންނަ ޖޫން 13 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށެވެ. އަދި ވޯޓުލުން ނިމޭތާ ބައިގަޑިއިރު ފަހުން ވޯޓު ގުނަން ފަށާނެ ކަމަށާއި، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ޖޫން 14 ވާ އާދިއްތަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މި އިންތިޚާބުގެ އިތުރު ބުރާ ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް އޮތްނަމަ އެކަން ހުށަހެޅުމުގެ ފުރުޞަތު އީސީން މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު، އެ ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.