ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، މެދު ރާއްޖެތެރެއަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، މެދު ރާއްޖެތެރެއަށް ހުދު ސަމާލު ނެރެފި

Author
އަހުމަދު
16 މެއި 2026 09:23
0

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް ވިއްސާރައިގެ އަސަރުކުރާނެއެވެ. ނަމަވެސް މީގެ ތެރެއިންވެސް އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ބެލެވެނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ. މި ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން، ޅ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިހާރު ވަނީ ހުދު ސަމާލު ނެރެފައެވެ. މިއަދުގެ އިރުއޮއްސި 18:45 އިން ފެށިގެން ދަންވަރު 1:30 އަށް ނެރެފައިވާ މި އެލާޓްގެ ވަގުތުގައި، އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ރަސްމީކޮށް ހުޅަނގު މޫސުން ފެށިފައިވުމާއެކު، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މުދަލަށާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.