ވ. މިޔަރު ކަނޑު ހޮހޮޅައަށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ވ. މިޔަރު ކަނޑު ހޮހޮޅައަށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި

Author
އަހުމަދު
16 މެއި 2026 10:53
0

ވ. އަތޮޅު މިޔަރު ކަނޑުހޮހޮޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ސިފައިން ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.

މޫސުން ގޯސްވެ، ސަމާލު ނެރެފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ވ. އަލިމަތާ ކައިރީގައި އޮންނަ މި ނުރައްކާތެރި ކޭވްއަށް ފީނި ފަސް ފަތުރުވެރިންގެ ތެރެއިން އެކަކު ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ. އަދި ބާކީ ތިބި ހަތަރު މީހުން ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ދަނީ މޫސުމީ ގޮންޖެހުންތަކާއެކުވެސް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ޕީއެސްއެމްގައި ވާހަކަދައްކަވަމުން ކޯސްޓްގާޑުގެ ކޮމާޑަންޓް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، މިއީ ވަރަށް ނުރައްކާތެރި އަދި އުނދަގޫ އޮޕަރޭޝަނެއް ކަމަށެވެ. މި ހޮހޮޅައިގެ އެންޓްރެންސް 60 މީޓަރު އަޑީގައި އިންނައިރު، އޭގެ އެތެރެއަށް 200 އެއްހާ ފޫޓަށް ވަދެވެން އޮވެއެވެ. އަދި އެންމެ ފުން ހިސާބުގައި 70 މީޓަރު ހުންނާނެކަމަށް ލަފާކުރެވެއެވެ. އިއްޔެ މި ސަރަހައްދުގެ ބޮޑު ބައެއް ބަލާފައިވާއިރު، ސާފޭސް އިންޓަވަލް ހަމަކުރުމަށްފަހު މިއަދު މުޅި ކޭވް އެއްކޮށް ބަލައި ނިންމާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ރިކްރިއޭޝަނަލް ޑައިވިން ގަވާއިދު ބުނާގޮތުން ފަތުރުވެރިން ގޮވައިގެން ފީނޭނީ ގިނަވެގެން 30 މީޓަރުގެ އަޑިއަށެވެ. އެހެންކަމުން، ގާތްގަނޑަކަށް 60 މީޓަރު ފުން މި ސަރަހައްދަށް އެ މީހުން ފީނަން ދިޔަ ސަބަބު އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.