ޝިއާއުގެ މަރުގެ ތުހުމަތުކުރެވޭ ޝާހިލްގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ޝިއާއުގެ މަރުގެ ތުހުމަތުކުރެވޭ ޝާހިލްގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

Author
އަހުމަދު
15 މެއި 2026 07:08
0

މާލޭގެ ގެއެއްގެ ތެރޭގައި ޏ. ފުވައްމުލައް، ކުރި، ޝިއާއު މުހައްމަދު ސައީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގޭ، އަލީ ޝާހިލްގެ މައްޗަށް އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މި މަހުގެ ހަވަނަ ދުވަހު ހައިކޯޓަށް ހުށަހެޅި މި މައްސަލައަކީ، ޝާހިލްގެ މައްޗަށް އުފުލި ދެ ދައުވާއެއް ސާބިތުވުމާ ގުޅިގެން ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް އޭނާ ޖަލަށްލުމަށް ދަށު ކޯޓުން ކުރި ހުކުމާ ގުޅޭ އިސްތިއުނާފެކެވެ. ދަށު ކޯޓެކޭ އެއްގޮތަށް ހައިކޯޓުން ވެސް މި މައްސަލައިގެ ތަފްސީލުތައް ސިއްރުކޮށްފައިވާއިރު، މި މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

މި ހުކުމް އިސްތިއުނާފު ކުރި ނަމަވެސް، ޝާހިލްގެ މައްޗަށް ކުރެވޭ އެންމެ ބޮޑު ތުހުމަތު ކަމަށްވާ ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ ޝަރީއަތާއި އިތުރު ބައެއް ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދިވެސް ދަނީ ކުރިއަށެވެ.

ޝާހިލް ހައްޔަރުކުރީ އޮގަސްޓް 6، 2022 ގައި ހ. ޝީރީންވިލާ ގޭގައި ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ކުށުގެ ވެށިންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޝިއާއުގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި އޭނާ މަރުވުމަށްފަހު ވެސް ހަށިގަނޑަށް ވަރަށް ބޮޑެތި އަނިޔާތަކެއް ދީފައިވެ އެވެ. އަދި ޝިއާއު މަރުވެފައިވަނީ ދީފައިވާ އެ ބޮޑެތި އަނިޔާތަކުގެ ސަބަބުންކަން ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.