އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވިޔަފާރީގެ އިސްވެރިންގެ ބޮޑު ވަފުދަކާއެކު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ.
ބުދަ ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގއަށް އެމެރިކާގެ ރައީސް ފައިބައިވަޑައިގަތުމާއެކު، އެ ޤައުމުގެ ސަރުކާރުން ވަނީ ރަތް ދޫލައިގެ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. މިއީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސަކު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެއާފޯސް ވަން އިން ޓްރަމްޕް ފައިބައިވަޑައިގަތުމުން މަރުޙަބާ ދެންނެވުމުގައި ޗައިނާގެ އިސް އޮފިޝަލުންނާއި ސިފައިންގެ އިތުރުން، ދެ ޤައުމުގެ ދިދަ ހިފައިގެން ތިބި ގިނަ އަދަދެއްގެ ދަރިވަރުން ޚާއްސަ ހަރަކާތްތަކަކާއެކު ބައިވެރިވިއެވެ.
މި މުހިންމު ދަތުރުފުޅުގައި ޓްރަމްޕްގެ އަރިހުގައި ދުނިޔޭގެ ނަންމަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ އީލޮން މަސްކް އަދި އެންވީޑިއާގެ ވެރިޔާ ޖެންސަން ހުއާންގް ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ޓްރަމްޕާއި މަސްކްއާ ދެމެދު އުފެދުނު މައްސަލަތަކަކަށްފަހު، މިފަދަ ދަތުރެއްގައި ދެބޭފުޅުން އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ. މި ވަފުދުގެ މައިގަނޑު އަމާޒަކީ ދެ ޤައުމުގެ ދެމެދުގައި ހުރި ވިޔަފާރީގެ މައްސަލަތަކަށް ހައްލެއް ހޯދުމެވެ. އެގޮތުން، އެންވީޑިއާއިން އަންނަނީ ޗައިނާގައި އެ ކުންފުނީގެ އެންމެ ފަހުގެ އޭއައި ޗިޕް ކަމަށްވާ 'އެޗް200′ ވިއްކުމުގެ ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބާއްވަވާ ބައްދަލުވުންތަކުގައި، ޗައިނާގެ ބާޒާރު އެމެރިކާގެ ކުންފުނިތަކަށް އިތުރަށް ހުޅުވާލުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުންވެސް ދެ ލީޑަރުން ވާހަކަފުޅު ދައްކަވާނެއެވެ. އީރާނާއި ޗައިނާއަކީ ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށްވީ ނަމަވެސް، ޓްރަމްޕް ވަނީ އީރާނުގެ ހަނގުރާމައިގައި ޗައިނާގެ އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުނުވާކަން ހާމަކުރައްވާފައެވެ. އަދި މި ދަތުރުފުޅާ ދިމާކޮށް، އީރާން ހަނގުރާމަ ނިންމުމަށް ކުރެވެމުންދިޔަ މަސައްކަތްތައް ނާކާމިޔާބުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ