ގެގް އޯޑަރާއި ނޫސްވެރިންގެ މައްޗަށް އިއްވި ހުކުމް މުރާޖައާކުރަން ބާ ކައުންސިލުން އެދިއްޖެ

ގެގް އޯޑަރާއި ނޫސްވެރިންގެ މައްޗަށް އިއްވި ހުކުމް މުރާޖައާކުރަން ބާ ކައުންސިލުން އެދިއްޖެ

Author
އަހުމަދު
13 މެއި 2026 08:51
0

ރައީސް މުހައްމަދު މުއިއްޒާ ގުޅޭގޮތުން 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާއި، އެ ނޫހުގެ ދެ ނޫސްވެރިއެއްގެ މައްޗަށް އިއްވި ޖަލު ހުކުމް މުރާޖައާކޮށްދިނުމަށް އެދި ބާ ކައުންސިލުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ސިޓީއެއް ފޮނުވައިފިއެވެ.

ބާ ކައުންސިލްގެ ރައީސް ހުސެން ސިރާޖު ސޮއިކުރައްވައި ޕީޖީ އައްބާސް ޝަރީފަށް ފޮނުއްވި މި ސިޓީގައި ވަނީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ މައިގަނޑު އެއް އަސާސްކަން ފާހަގަކުރައްވާފައެވެ. އަދި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ނޫސްވެރިންނަށް ދައުވާކުރުމުގައި ޕީޖީގެ ބާރު ބޭނުންކޮށްފައިވާ ގޮތުން، އެ މުއައްސަސާގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ޕީޖީ އިސްވެ ކޯޓުގެ ނިންމުންތައް މުރާޖައާކޮށްދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިއެއްގެ މައްޗަށް ކުއްލި ގޮތަކަށް ޖަލު ހުކުމް އިއްވިއިރު، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު އެ ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި ދީފައިނުވާކަމުގެ ކަންބޮޑުވުން ބާ ކައުންސިލުން ވަނީ ފާޅުކޮށްފައެވެ. ގާނޫނުއަސާސީގެ 51 ވަނަ މާއްދާ އާއި 53 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މި އަސާސީ ހައްގު އެންމެ ނުރައްކާތެރި ކުށްވެރިންނަށްވެސް ނިގުޅައިނުގަނެވޭއިރު، އާންމުކޮށް ހުޅުވާނުލައި ބޭއްވި އަޑުއެހުމެއްގައި ނޫސްވެރިންނާމެދު މިފަދައިން އަމަލުކުރުމަކީ ޝަރުއީ ނިޒާމާމެދު އާންމުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށްވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ރައީސް މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވިކަމުގެ ތުހުމަތުތަކެއްކޮށް 'އަދަދު' އިން އާންމުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން އެއްވެސް މައުލޫމާތެއް ނުފެތުރުމަށް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދީ އަދި ރައީސާ ސުވާލުކުރި މައްސަލައިގައި ދެ ނޫސްވެރިއަކު އިއްޔެ ވަނީ ޖަލަށް ލާފައެވެ. އޭގެ އިތުރުން، ހަމަ އެ މައްސަލައިގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި ޝަރީއަތް ވެސް މިހާރު ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.