ދެ ވަނަ ޑިވިޝަނުގެ ހޯލްސެން ކިއެލް އަތުން ޕެނަލްޓީ ޖަހައިގެން 6-5 އިން ބަލިވެ ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކް ޖަރުމަން ކަޕުގެ ދެ ބުރުން ކަޓައިފި އެވެ.
ކިއެލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. މެޗުގެ 14 ވަނަ މިނެޓުގައި ބަޔާން ވަނީ ސާޖް ގެނެބްރީގެ ލަނޑުން ލީޑު ނަގައިފަ އެވެ. ކިއެލް އިން 37 ވަނަ މިނެޓުގައި ބާޓެލްސްގެ ގޯލުން އެއްވަރުކުރި އެވެ. ބަޔާނުން އަލުން ލީޑު ނެގީ 47 ވަނަ މިނެޓުގައި ލެރޯއީ ސާނޭ ޖެހި ގޯލުންނެވެ. ކިއެލް އިން ދެ ވަނަ ފަހަރަށް އެއްވަރުކުރީ އިތުރު ވަގުތުގެ ތެރޭ ވޯލް ޖެހި ގޯލުންނެވެ.
ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގައި ވެސް ބަދަލެއް ނައުމުން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޝޫޓްއައުޓުގައި ކިއެލްގެ ހަ ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު ބަޔާނުގެ ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ފަސް ޕެނަލްޓީ އެވެ. ބަޔާނުގެ ފަހު ޕެނަލްޓީ ރޮކޯ އަތުން ބޭކާރުވުމުން ކިއެލް މޮޅުވީ އެވެ.
މިއީ 2000/2001 ގައި ހަތަރު ވަނަ ޑިވިޝަނުގެ ކްލަބެއް އަތުން ބަޔާން ބަލިވި ފަހުން ފުރަތަމަ ޑިވިޝަން ނޫން ކްލަބެއްގެ އަތުން ބަލިވެ ޖަރުމަން ކަޕުން އެ ޓީމު ކެޓި ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ