ސިޔާސީ ޕާޓީތަކުގެ ގާނޫނާ ތަކުރާރުކޮށް ޚިލާފުވުމުގެ ސަބަބުން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މިކަން އަންގައި އީސީން ވަނީ އެ ޕާޓީގެ އިސް ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރަސްމީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕީއެންއެފްއަށް މި ފިޔަވަޅު އަޅަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ސިލްސިލާކޮށް އެކިއެކި ހަރަކާތްތައް ހިންގަމުންދާތީއެވެ.
ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނާއި ގަވާއިދުގެ އިމުން ބޭރުން އަމަލުކުރުމުގެ އިތުރުން، އެހެން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ޕީއެންއެފްއިން ވަނީ ކަންކަން ކޮށްފައެވެ. އެގޮތުން އެހެން ޕާޓީތަކުގެ ބައްދަލުވުންތައް ކުރިއަށްދާ ވަގުތުތަކާ ދިމާކޮށް، އެ ސަރަހައްދުތަކުގައި ގަސްދުގައި ހަރަކާތްތައް ހިންގާފައިވާކަން އީސީގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއާ ތަކުރާރުކޮށް ޚިލާފުވެފައިވާތީ، އެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ކުރި މި ޖޫރިމަނާއަކީ ފަހުގެ ތާރީޚެއްގައި ސިޔާސީ ޕާޓީއަކާމެދު އީސީން އެޅި އެންމެ ހަރުކަށި އެއް ފިޔަވަޅެވެ. މި ބޮޑު ޖޫރިމަނާއާ ގުޅޭގޮތުން ޕީއެންއެފްއިން މިހާތަނަށް އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ