ރާއްޖޭގައި މީހުންގެ ޒާތީ މަޢުލޫމާތު އެއްކޮށް، ބޭނުންކުރުމުގައި ޢަމަލުކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި މުހިންމު ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމެވެ. މި ބިލު ފާސްވެ ޤާނޫނަކަށް ވުމާއެކު، ޒާތީ މަޢުލޫމާތު ބެލެހެއްޓުމުގެ ފުރިހަމަ ޤާނޫނީ އޮނިގަނޑެއް ރާއްޖޭގައި ވުޖޫދުވެގެންދާނެއެވެ. އެގޮތުން، މަޢުލޫމާތު ނިސްބަތްވާ ފަރުދުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމާއެކު، އެ މަޢުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅި، އެ ފަރާތްތައް ރެގިއުލޭޓްކުރެވޭނެ އުޞޫލުތައް މި ބިލުގެ ދަށުން ތަންފީޒުކުރެވޭނެއެވެ.
މީގެ އިތުރުން، ބޭރު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ އިދާރާތަކަށް ޒާތީ މަޢުލޫމާތު ފޯރުކޮށްދިނުމުގައި (ކްރޮސްބޯޑަރ ޓްރާންސްފަރ) ގެންގުޅެންޖެހޭ އުޞޫލުތަކާއި، ޑޭޓާ ބްރީޗެއް ނުވަތަ މަޢުލޫމާތު ލީކުވާފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ޢަމަލުކުރާނެ ސާފު ގޮތްތައްވެސް މި ބިލުގައި ވަނީ ތަފްޞީލުކޮށްދީފައެވެ. ޑިޖިޓަލް ޒަމާނާ ގުޅޭގޮތުން ފަރުދުންގެ ޒާތީ މަޢުލޫމާތު ޙިމާޔަތްކުރާނެ ޤާނޫނެއް އޮތުމަކީ ގިނަ ބަޔަކު ވަރަށް ކުރިއްސުރެ އެދެމުން އައި ކަމަކަށްވާއިރު، ސަރުކާރުގެ މި ހުށަހެޅުމަކީ ރައްޔިތުންގެ ރައްކާތެރިކަމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ކޮމެންޓު ފޮނުވާ