މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އިންތިހާއަށް އުފުލެމުންދާތީ، ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި ބޭކާރު ޚަރަދުތައް ކުޑަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އެގައުމުގެ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
ކޮވިޑް-19 ގެ ދުވަސްވަރެކޭ އެއްފަދައިން ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމުން ބޭރު ފައިސާ ސަލާމަތް ކުރެވޭނެކަން ފާހަގަކުރައްވައި މޯދީ ވަނީ، ރަން ފަދަ އަގުބޮޑެތި މުދާ ގަތުން މަދުކުރުމަށާއި ބޭރު ދަތުރުތައް ކުރުން ހުއްޓާލުމަށް އިލްތިމާސްކުރައްވާފައެވެ. އިންޑިއާއަކީ ބޭނުންކުރާ ތެލުގެ 90 އިންސައްތަ އިމްޕޯޓުކުރާ ގައުމަކަށް ވާއިރު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން ތެޔޮ ގަތުމަށް ކުރަންޖެހޭ ހޭދަ މިހާރު ވަނީ އެތައް މިލިއަން ޑޮލަރަކުން އިތުރުވެފައެވެ.
ގައުމީ ލޯތްބަކީ ހަމައެކަނި ބޯޑަރުގައި ފުރާނަ ގުރުބާންކުރުން ނޫންކަމަށާއި، މިފަދަ ދަނޑިވަޅެއްގައި ޒިންމާދާރުކަމާއެކު އުޅެ ބޭރު ފައިސާ ރައްކާކުރުމަކީވެސް ދުވަހުގެ ދިރިއުޅުމުގައި އަދާކުރަންޖެހޭ ގައުމީ ވާޖިބެއްކަމަށް މޯދީ ވިދާޅުވިއެވެ. މިގޮތުން އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމަށާއި، ތެޔޮ ސަލާމަތްކުރުމަށް ކާރުޕޫލް ކުރުމުގެ އިތުރުން ދަނޑުވެރިން ބޭނުންކުރާ ގަސްކާނާގެ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދުކުރުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރައި، އިންޑިއާގެ ފައިސާގެ އަގު ވަނީ ފާއިތުވި ހަފްތާތަކުގައި ރެކޯޑު މިންވަރަކަށް ދަށަށް ގޮސްފައެވެ. މީގެ ސަބަބުން ކާބޯތަކެތީގެ އަގުބޮޑުވުމާއި، ބިއްލޫރި، ޕްލާސްޓިކް އަދި ޓައިލްސް އުފައްދާ ކާރުހާނާތަކުގައި މަސައްކަތްކުރާ ލައްކައެއްހާ މީހުންގެ ވަޒީފާއަށް ނުރައްކާވުމުގެ ބިރު ވަނީ ހީވެފައެވެ. މޯދީގެ މި ހަރުކަށި އިލްތިމާސާ ގުޅިގެން އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވަނީ، މިއީ ސަރުކާރު ފެއިލްވުމުން އަމިއްލަ މަސްއޫލިއްޔަތުން ރެކި ރައްޔިތުންގެ ބޮލަށް ކަންކަން ކަނޑާލުންކަމަށް ސިފަކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމަކީ ތާރީހުގައިވެސް ތެލުގެ ސަޕްލައިއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުންކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން ވަނީ ސިފަކޮށްފައެވެ. މިކަމާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކުންވެސް ދަނީ އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ޗައިނާއިން ތެޔޮ އެކްސްޕޯޓުކުރުން ހުއްޓާލައި ބައެއް ފްލައިޓުތައް ކެންސަލްކޮށްފައިވާއިރު، އޮސްޓްރޭލިއާއިން ވަނީ އާންމު ދަތުރުފަތުރުގެ އަގު ހެޔޮކޮށްފައެވެ. އަދި ފިލިޕީންސާއި ސްރީލަންކާ ފަދަ ގައުމުތަކުން ވަނީ ސިވިލް ސާވަންޓުން މަސައްކަތްކުރާ ދުވަސްތައް ހަފްތާއަކު ހަތަރު ދުވަހަށް މަދުކޮށް، ހަރަދު ކުޑަކުރުމުގެ ހާއްސަ ފިޔަވަޅުތަކެއް ތައާރަފްކޮށްފައެވެ.
ކޮމެންޓު ފޮނުވާ