2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީޢަތުގައި މުހިންމު ހެކިބަސްތަކެއް ނަގައިފިއެވެ.
ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާ މިހާރު ކުރިއަށްދާއިރު، އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ނަގާފައިވަނީ މި މައްސަލައިގެ ޑީއެންއޭ ރިޕޯޓު ތައްޔާރުކުރި އެކްސްޕާޓުގެ ހެކިބަހެވެ. ހަންގޭރީގައި ހުރެގެން އޮންލައިންކޮށް އޭނާ ދިން ހެކިބަހުގައި ބުނެފައިވަނީ، އެދުވަހު ގޮއްވާލި ބޮމުގެ ބައިތަކުން، މި މައްސަލައިގައި ދަޢުވާ ލިބޭ ތަހުމީނު އަލީ އާއި އަލީ ހައިޝަމްގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ.
މި ޙަމަލާއަށް ގިނަ އަހަރުތަކެއް ފާއިތުވަމުންދާއިރު، މި ކަމަށް ޚަރަދުކުރި ފަރާތްތައް ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދާދި ފަހުން ފުލުހުންނަށް އަންގާފައެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ، މި އަމަލަށް ފައިނޭންސް ކުރި މީހުންގެ ތަޙުޤީޤު ވީ އެންމެ އަވަހަކަށް ނިންމައި އެ އޮފީހަށް މައްސަލަ ހުށަހެޅުމަށް، މިދިޔަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ފުލުހުންނަށް ލަފާދީފައިވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ