ސިފައިންގެ ރޭންކް ކުރިއަށް ނުގޮސް ވަކި މުއްދަތެއް ވުމުން މަޖުބޫރުން ވަޒީފާއިން ވަކިވާންޖެހޭ ގޮތަށް އޮންނަ އުސޫލު ބަދަލުކުރައްވަން ނިންމަވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
ސިފައިންގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިފައިންގެ ބައެއް ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން އުސޫލުތައް އިސްލާހުކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން، މިހާރު އޮންނަ ގޮތުން އެއް ރޭންކެއްގައި ގިނަ ދުވަސްވުމުން ހިދުމަތުން ދުރަށްދާން މަޖުބޫރުވުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ތެދުވެރިކަމާއެކު ހިދުމަތްކުރާ ސިފައިންނަށް އެއް ރޭންކެއްގައި ހުއްޓަސް ވަޒީފާގައި ދެމިތިބެވޭނެ ގޮތަށް ގަވާއިދު އިސްލާހުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން، ސިފައިންގެ ރިޓަޔަމަންޓް ގަވާއިދުގައި ހުރި އެހެން ބައެއް ކަންކަންވެސް ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، 30 އަހަރު ނުވަތަ 35 އަހަރު ހިދުމަތްކުރި ނަމަވެސް ރިޓަޔަރ ކުރާއިރު ލިބޭ އިނާޔަތްތަކުގައި މިހާރު އެއްވެސް ތަފާތެއް ނެތެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި، ހިދުމަތްކުރި އަހަރުގެ ނިސްބަތުން ލިބޭ ފައިދާތައް ކަނޑައެޅޭ ގޮތަށް އެ ގަވާއިދު އިސްލާހުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސިފައިންގެ ކޮމާންޑް ސެންޓަރުތައް އިތުރަށް ތަރައްގީކޮށް، ސިފައިންނަށް އެމީހުންގެ އާއިލާތަކާ ގާތުން މަސައްކަތްކުރެވޭނެ މަގު ތަނަވަސްކޮށްދެއްވުމަކީވެސް ސަރުކާރުގެ އަމާޒެއްކަން ރައީސް ހާމަކުރެއްވިއެވެ. މި ބަދަލާއެކު، ކޮންމެ ސިފައިންގެ މީހަކަށްވެސް އެމީހެއްގެ އާއިލާ ދިރިއުޅޭ ސަރަހައްދަކާ އެންމެ ކައިރީގައިވާ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިފައިންގެ ފައުޖުތައް މިހާރަށްވުރެ ބޮޑުކޮށް، ގިނަ ޒުވާނުން ސިފައިންގެ ހިދުމަތާ ގުޅުމަށް ބާރުއެޅުމުގެ ގޮތުން މިއަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ދާއިމީކޮށް ޑިއުޓީ އަދާކުރެވޭނެ އިންތިޒާމު ހަމަޖެހުމަކީ ސިފައިންނަށާއި މުޅި ގައުމަށް އޭގެ އެންމެ ހެޔޮ ނަތީޖާ ލިބިގެންދާނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ