ރަސްދޫގައި ޗައިނާ ބަޔަކު ދިވެހި ޒުވާނަކަށް ހަމަލާދީފި، މަންޒަރު ފެނުނު މަންމަގެ ހާލު ސީރިއަސް

ރަސްދޫގައި ޗައިނާ ބަޔަކު ދިވެހި ޒުވާނަކަށް ހަމަލާދީފި، މަންޒަރު ފެނުނު މަންމަގެ ހާލު ސީރިއަސް

Author
އަހުމަދު
09 މެއި 2026 05:54
0

އއ. ރަސްދޫގައި ޗައިނާ ބަޔަކު ދިވެހި ޒުވާނަކަށް ދަގަނޑުބުރިއަކުން ހަމަލާދީ މާރާމާރީ ހިންގައިފިއެވެ. މި ހާދިސާ ހިނގި މަންޒަރު ފެނި ލިބުނު ޝޮކުގައި އެ ޒުވާނާގެ މަންމަގެ ހާލު ދެރަވެ، މިހާރު ދަނީ މާލޭގައި ފަރުވާދެމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ ރަސްދޫގައި ގެސްޓްހައުސްއަކާއި ވޯޓަރ ސްޕޯޓްސް ހިންގާ ޗައިނާގެ ދެ މީހެކެވެ. އެމީހުން ހަމަލާދީފައިވަނީ އެތަނުގައި ޑިންގީ ދުއްވަން އުޅުނު ދިވެހި ޒުވާނަކަށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ، އެ ޒުވާނާއަށް ލިބެންޖެހޭ މުސާރައިގެ ފައިސާ ހޯދަން ދިއުމުން ކަމަށް ރަށުގެ މީހުން ބުނެއެވެ. ފައިސާ ހޯދަން ދިއުމުން ޗައިނާ މީހުން ވަނީ އެ ޒުވާނާގެ ބޮލުގައި ދަގަނޑުބުރިއަކުން ޖަހައިފައެވެ.

ދަރިފުޅަށް ހަމަލާދިން މަންޒަރު ފެނުމާއެކު އެ ޒުވާނާގެ މަންމަ ވަނީ ހޭނެތިގެން ވެއްޓިފައެވެ. އަދި ދެމައިންނަށް ރަސްދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލު ދެރަވުމުގެ ސަބަބުން ރޭ ފަތިހު ވަނީ މާލެ ގެނެސްފައެވެ. ޒުވާނާގެ ހާލު މިހާރު ރަނގަޅުވަމުން އައި ނަމަވެސް، އޭނާގެ މަންމަގެ ހާލު ވަރަށް ގޯސް ކަމަށާއި ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު 00:51 ހާއިރު ހިނގި މި މާރާމާރީއާ ގުޅިގެން ޗައިނާގެ ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އެމީހުން ދޫކޮށްލުމުން ރަސްދޫ ރައްޔިތުން މިއަދު މުޒާހަރާކޮށް، އެ ޗައިނާ މީހުން މިހާރު ވަނީ އެރަށުން ބާލުވާފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.