ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ޑީޖޭއޭގެ އިސް ދެ ވެރިޔަކު ސަސްޕެންޑްކޮށްފި

ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ޑީޖޭއޭގެ އިސް ދެ ވެރިޔަކު ސަސްޕެންޑްކޮށްފި

Author
އަހުމަދު
07 މެއި 2026 10:29
0

ބަލަމުންދާ މައްސަލައަކާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސް ދެ ޑިރެކްޓަރަކު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަސައްކަތުން އެކަހެރިކޮށްފައިވަނީ އެ އިދާރާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާ ޒަކަރިއްޔާ ހުސެއިންގެ އިތުރުން ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު އަލީއެވެ. މީގެ ތެރެއިން ޒަކަރިއްޔާއަކީ ކުރިން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަހުމަދު އަލީއަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީގެ މަގާމު ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ.

މި ދެ ބޭފުޅުން ސަސްޕެންޑްކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ޑީޖޭއޭގެ އިސް ދެ ޑިރެކްޓަރަކު ސަސްޕެންޑްކޮށްފައި މިވަނީ، އެ އިދާރާގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ އަމުޖަދު މުސްތަފާ ދާދި ފަހުން މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަންވެސް ކުރިން ކުރެއްވި އަމްޖަދު އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ސިޓީގައި ބަޔާންކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.