އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޖޯސެފް ވިޖޭގެ ސިޔާސީ ޕާޓީ، ތަމިލާގާ ވެޓްރީ ކަޒާގަމް (ޓީވީކޭ) އިން ޓެމިލް ނާޑޫގެ ސްޓޭޓް އެސެމްބްލީ އިންތިޚާބު ބޮޑު ކާމިޔާބީއަކާއެކު މިއަދު ކާމިޔާބުކޮށްފިއެވެ.
ޖުމްލަ 234 ގޮނޑީގެ މައްޗަށް އެކުލެވޭ މަޖިލީހުގެ 100 އަށްވުރެ ގިނަ ގޮނޑި ޓީވީކޭ އިން މިހާރު ވަނީ ކަށަވަރުކޮށްފައެވެ. ވޯޓު ގުނުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، އެ ޕާޓީއަށް ސުޕަ މެޖޯރިޓީއެއް ލިބޭނެކަމަށް ލަފާކުރެވެއެވެ. މިއާއެކު، ޗީފް މިނިސްޓަރުކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ވިޖޭގެ ޕާޓީން މިހާރު ވަނީ އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.
މި އިންތިޚާބުގައި ވިޖޭގެ ޕާޓީން ވަނީ ވާދަވެރި ޑީއެމްކޭގެ މައްޗަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ޑީއެމްކޭގެ ކެންޑިޑޭޓް އާރްޑީ ޝެކާރުގެ މައްޗަށް 50،000 އެއްހާ ވޯޓުގެ ތަފާތަކުން ކުރިހޯދާފައިވާއިރު، ޓިރޫޗިރަޕަލީ އީސްޓް ދާއިރާއިން ޑީއެމްކޭގެ އެސް އައިރޫދަޔަރާޖް ވެސް ވަނީ 23،000 ވޯޓުން ބަލިކޮށްފައެވެ. ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 118 ގޮނޑީގެ މެޖޯރިޓީއަށްވުރެ އިތުރަށް ގޮނޑި ބޭނުންވާ ހާލަތެއްގައި، އެހެން ޕާޓީތަކުގެ ތާއީދު ޓީވީކޭއަށް ބޭނުންވާނެއެވެ.
ޓެމިލް ނާޑޫއަކީ ޒަމާނުއްސުރެ ފިލްމީ ތަރިންގެ ނުފޫޒު ސިޔާސީ މައިދާނުގައި ގަދަ ސްޓޭޓެކެވެ. އެމްޖީ ރާމާޗަންދްރަން އާއި ޖޭ ޖަޔަލަލީތާ ފަދަ ކުރީގެ މަޝްހޫރު ތަރިންވެސް ވަނީ ސިޔާސީ ދާއިރާއަށް ވެންނެވުމަށްފަހު ސްޓޭޓްގެ އިސްވެރިޔާގެ މަޤާމު ފުރުއްވާފައެވެ. އެ ބޭފުޅުންގެ ފިޔަވަޅުމަތީގައި ހިނގަމުން، ވިޖޭ ވެސް މިވަނީ ފިލްމީ ދާއިރާ ދޫކޮށް ސިޔާސީ މައިދާނަށް ނުކުމެ ތާރީޚީ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ