ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ބައެއް ޕާޓީތަކުން ހިންގާ ހަރަކާތްތައް ހުއްޓުވައި، ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ. މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހިޔާލުފާޅުކުރުމާއި ސިޔާސީ ޕާޓީ އުފެއްދުމުގެ މިނިވަންކަން ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ދީފައިވީ ނަމަވެސް، އެ ހައްގުތަކުގެ ބޭނުންކުރަން ވާނީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތަށެވެ. އަދި އެހެން މީހުންގެ އަބުރާއި ހައްގުތަކަށް އިހުތިރާމްކޮށް، ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށްވެސް ބުނެފައިވެ އެވެ.
ބައެއް ސިޔާސީ ޕާޓީތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލެމުންދާކަން ގަރާރުގައި ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފަ އެވެ. އެހެންކަމުން އެފަދަ އަމަލުތައް ހުއްޓުވައި، އެކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް މި ގަރާރުގައި ވަނީ ގޮވާލާފަ އެވެ. އޭގެ އިތުރުން، މި މައްސަލައިގައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަކީވެސް މި ގަރާރު ހުށަހެޅުއްވި އެއް މަގުސަދެވެ.
ކޮމެންޓު ފޮނުވާ