ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާއީ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ.ބާލަސުބްރަމާނިއަން، ދިފާއީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގައެވެ. ދިފާއީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ދިފާއީ ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ދިފާއީ ދާއިރާގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާކުރުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، ވަޒީރު ޙަސަން ރަޝީދު ވަނީ މި ބައްދަލުވުމުގައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ