ރައީސް މުޢިއްޒު، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

Author
އަހުމަދު
04 މެއި 2026 08:58
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޑރ. ޖަގަތް ވިކްރަމަރަތްނައާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ސިޔާސީ ގުޅުމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ޚާއްޞަ ގާތްކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، މޯލްޑިވްސް-ސްރީލަންކާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕާއި ސްރީލަންކާ-މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްޝިޕް އެސޯސިއޭޝަންގެ ދައުރު ފުޅާކުރުމަށް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ މަޖިލީހުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މުހިންމު މަޢުލޫމާތުތައް ޙިއްޞާކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ. މި ބައްދަލުވުން ނިންމަވާލެއްވީ ދެ ޤައުމުގެ މަޖިލިސް މެންބަރުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ތާރީޚީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހު ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.