ގާނޫނުއަސާސީން އުނިކޮށްފައިވާ އަތޮޅު ކައުންސިލްތައް އަލުން އިއާދަކުރުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފިއެވެ.
އަތޮޅު ކައުންސިލްތައް އެކުލެވިގެންވާ ގޮތާއި އެ ކައުންސިލްތަކަށް މެމްބަރުން އިންތިހާބުކުރުމާ ގުޅޭ މާއްދާތައް ގާނޫނުއަސާސީން އުނިކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. މި ބަދަލާ ގުޅިގެން، މި މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލްތަކަށް މެމްބަރުން އިންތިހާބުކޮށްފައެއް ނުވެއެވެ.
މި ނިންމުން ބާތިލުކޮށް، އަތޮޅު ކައުންސިލްތައް އަލުން ވުޖޫދުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. އޭނާ ވިދާޅުވި ގޮތުގައި، އަތޮޅު ކައުންސިލުތައް އުވާލުމަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ލިބުނު ވަރަށް ބޮޑު އުނިކަމެކެވެ. އަދި އެއީ އެކަށީގެންވާ ދިރާސާއަކާއި މަޝްވަރާއަކާ ނުލައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަފުޅު ވިސްނުމަކަށް ގެނެސްފައިވާ ބަދަލެއްކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން މެމްބަރު ކުޑޫ ވަނީ، ރިޔާސީ އަދި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާމެދު ނެގުނު ފެންނަ ނުފެންނަ ވޯޓުގައި 68 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނެފައިވުމަކީ، ދައުލަތް ހިންގުމުގެ ނިޒާމަށް ބަދަލު ގެންނަން ރައްޔިތުން ބޭނުންނުވާކަމުގެ ސާފު ހެއްކެއްކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 8 މެމްބަރުންނެވެ. އެ ބިލު ބަލައިނުގަތުމަށް 45 މެމްބަރަކު ވޯޓު ދެއްވުމާއެކު، އެ ބިލު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ