އިންޑިއާގެ ސްޓޭޓް އިންތިޚާބު: ވޯޓު ގުނުން ކުރިޔަށް، މޯދީއަށް ބޮޑު އިމްތިޙާނެއް!

އިންޑިއާގެ ސްޓޭޓް އިންތިޚާބު: ވޯޓު ގުނުން ކުރިޔަށް، މޯދީއަށް ބޮޑު އިމްތިޙާނެއް!

Author
އަހުމަދު
04 މެއި 2026 10:40
0

އިންޑިއާގެ 5 ސްޓޭޓަކާއި ޓެރިޓަރީއެއްގައި އޭޕްރީލް އަދި މެއި މަހު ބޭއްވި އިންތިޚާބުގެ ވޯޓު ގުނަން ފެށުމާއެކު، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބޮޑު އިމްތިޙާނަކާ ވަނީ ކުރިމަތިވެފައެވެ. ޤައުމީ ޕާލަމެންޓުގެ ވެރިކަންކުރާ ޕާޓީ، މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އުންމީދުކުރަނީ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ސްޓޭޓްތަކަށް އެ ޕާޓީގެ ނުފޫޒު ފޯރުވުމަށެވެ.

100 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވެސްޓް ބެންގޯލްގައި 2011 ވަނަ އަހަރުން ފެށިގެން ވެރިކަންކުރަމުން އަންނަ އޯލް އިންޑިއާ ޓްރިނަމޫލް ކޮންގްރެސް (ޓީއެމްސީ) ގެ ލީޑަރު އަދި ޗީފް މިނިސްޓަރު މަމަތާ ބެނާޖީގެ ވެރިކަން ނިމުމަކަށް ގެނައުމަށް ހިންދޫ-ނޭޝަނަލިސްޓް ބީޖޭޕީން ވަނީ ވަރުގަދަ ކެމްޕެއިނެއް ކޮށްފައެވެ.

އިންޑިއާގައި އެގްޒިޓް ޕޯލްތަކުގެ ނަތީޖާ ގިނަ ފަހަރަށް ދިމާނުވި ނަމަވެސް، ފާއިތުވި ހަފްތާގައި ނެރުނު އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި ޓީއެމްސީގެ މައްޗަށް ބީޖޭޕީއަށް ކުޑަ ކުރިއެރުމެއް ލިބޭނެއެވެ.

"މުޅި ޤައުމުގެ ސަމާލުކަން ހުރީ މި ސްޓޭޓްގެ އިންތިޚާބުގެ ނަތީޖާއަށް،" ވެރިރަށް ކޮލްކަޓާގައި ހުރެ ސިޔާސީ އެނަލިސްޓް ބިސްވަނާތު ޗަކްރަބަތީ އޭއެފްޕީއަށް މަޢުލޫމާތު ދެމުން ބުންޏެވެ. "މި ވާދަވެރިކަމުގެ ސަބަބުން ބާރުގެ ތިލަފަތް އެހެން ކޮޅަކަށް ބުރަވުމަކީ އެކަށީގެންވާ ކަމެއް."

މިފަހަރުގެ ކެމްޕެއިންގައި ވޯޓުލުމުގެ ޝަރުޠު ހަމަނުވާ މީހުން އުނިކުރުމުގެ ނަމުގައި އެތައް މިލިއަން ބައެއްގެ ނަން ވޯޓާސް ލިސްޓުން އުނިކުރުމާ ގުޅިގެން މުޒާހަރާތައް ކުރިއަށްދިޔައެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި މިއީ ބައިމަދު އަދި ނިކަމެތި މުޖުތަމަޢުތަކާ ދެކޮޅަށް އަމާޒުކޮށްގެން ކުރި ކަމެކެވެ.

ވޯޓު ގުނުމުގެ ކުރިން ވާހަކަދައްކަވަމުން ބެނާޖީ ވަނީ ޓީއެމްސީއަށް ކާމިޔާބު ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. "ބީޖޭޕީއަކަށް ނާދެވޭނެ، އަހަރެންގެ މި ބަސް ޤަބޫލުކުރޭ،" އޭނާ ވިދާޅުވިއެވެ. "އެންމެ ފަހު ވަގުތާ ހަމައަށް ކެތްތެރިވޭ."

ނަމަވެސް ވެސްޓް ބެންގޯލްގެ ބީޖޭޕީގެ އިސްވެރިޔާ ސަމިކް ބަޓަޗާރިޔާ އޭއެފްޕީއަށް ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. "މިއީ ރައްޔިތުން [މިހާރުގެ ސަރުކާރު] ބަލައިނުގަތްކަން ހާމަކޮށްދިން އިންތިޚާބެއް،" އޭނާ ވިދާޅުވިއެވެ. "މި ސްޓޭޓްގެ ރައްޔިތުން ބޭނުންވަނީ ބަދަލެއް. ވެރިކަންކުރާ ޓްރިނަމޫލް ކޮންގްރެސް ބަލިކުރެވޭނެ."

މީގެ ކުރީގެ އިންތިޚާބުތަކުގައި މި ސްޓޭޓްގައި ހަމަނުޖެހުންތައް ހިނގާފައިވެއެވެ.

80 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ އަދި ސިނާޢީ ގޮތުން މުހިންމު ދެކުނުގެ ސްޓޭޓެއް ކަމަށްވާ ތަމަޅަނާޑޫގައި، ޗީފް މިނިސްޓަރު އެމްކޭ ސްޓާލިންގެ ދަށުން ވެރިކަންކުރާ ޑްރަވިޑާ މުންނެތްރާ ކަޒަގަމް (ޑީއެމްކޭ) އަލުން އިންތިޚާބުވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.

31 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިރުމަތީ ސްޓޭޓް އައްސާމްގެ ވެރިކަން ބީޖޭޕީން ދަމަހައްޓާނެ ކަމަށް ބެލެވޭއިރު، އެ ސްޓޭޓްގެ އިތުރުން ބީޖޭޕީ ހިމެނޭ ކޯލިޝަނަކުން ވެރިކަންކުރާ އައްސޭރިފަށުގެ ކުޑަ ޓެރިޓަރީއެއް ކަމަށްވާ ޕުޑުޗެރީގެ ވޯޓުވެސް ދަނީ ގުނަމުންނެވެ.

ގާތްގަނޑަކަށް 36 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދެކުނުގެ ސްޓޭޓް ކެރެލާގައި ވަރަށް ވާދަވެރި އިންތިޚާބެއް ކުރިއަށްދާއިރު، އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި ކޮންގްރެސް ޕާޓީ އިސްވެ އޮންނަ ކޯލިޝަނުން ކޮމިއުނިސްޓް ޕާޓީ ބަލިކުރާނެއެވެ.

ވަޒީފާނެތް މީހުންގެ ނިސްބަތް މަތިވުމާއި އެމެރިކާއާއެކު ވެވޭ ވިޔަފާރީގެ އެއްބަސްވުމެއްފަދަ އިޤްތިޞާދީ އަދި ޚާރިޖީ ސިޔާސަތުގެ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި، ސްޓޭޓް އިންތިޚާބުތަކުން ލިބޭ ކާމިޔާބީގެ ސަބަބުން މޯދީގެ ބާރު އިތުރަށް ގަދަވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.