ބޭރު ފައިސާއާ ބެހޭ އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ފާއިތުވި އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން 670.8 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފިކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، 2024 ވަނަ އަހަރު ތައާރަފުކުރި ބޭރު ފައިސާގެ އާ ގާނޫނު (ގާނޫނު ނަންބަރު 32/2024) ގެ ދަށުން ރާއްޖޭގައި އޮޕަރޭޓުކުރާ ހުރިހާ ރިސޯޓެއް ކަމަށްވާ 182 ރިސޯޓު ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި މި ރިސޯޓުތަކުން ބޭންކުތަކަށް މާރުކުރި ޖުމްލަ ފައިސާގެ ތެރެއިން 75 އިންސައްތަ ފައިސާ ވަނީ ސީދާ އެމްއެމްއޭއަށް މާރުކޮށްފައެވެ.
މިގޮތަށް ލިބުނު ބޭރު ފައިސާގެ ސަބަބުން ދައުލަތުގެ ރިޒާވް އެއްވަރެއްގައި ހިފެހެއްޓުމަށާއި، ބާޒާރަށް ބޭނުންވާ ބޭރު ފައިސާ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ގާބިލުކަން އެމްއެމްއޭއަށް ލިބިގެންދިޔަ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ. މީގެ އިތުރުން، އެކި ބޭނުންތަކަށާއި ބޭންކުތަކަށް ފާއިތުވި އަހަރު އެމްއެމްއޭއިން 1.1 ބިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.
ކޮމެންޓު ފޮނުވާ