ޗެއާޕާސަންކަމަށް އިންތިހާބުވެއްޖެނަމަ އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާކުރާނަން: މީކާއިލް

ޗެއާޕާސަންކަމަށް އިންތިހާބުވެއްޖެނަމަ އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާކުރާނަން: މީކާއިލް

Author
އަހުމަދު
30 އޭޕްރިލް 2026 10:57
0

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންފިނަމަ، ގައުމީ ބޮޑެތި މައްސަލަތައް ނިންމުމުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ދައުރު މިހާރަށްވުރެ ފުޅާކުރައްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިފަދައިން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް، ހާއްސަކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވޯޓު ދެއްވުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލައިގައި ޕާޓީގެ ސަޕޯޓަރުންގެ ފިއްތުންތަކާ ހެދި، ރުހުން ދޭން ވޯޓުލެއްވި ބައެއް މެމްބަރުން އަންނަނީ މާފަށްވެސް އެދެމުންނެވެ.

މިކަމާ ގުޅޭގޮތުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މީކާއިލް ވަނީ، އޭނާ މިނިސްޓަރު އިހުސާނަށް ރުހުން ދެއްވާފައި ނުވާނެކަން ހާމަކުރައްވާފައެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޑީއެންއާރުގެ ޑޭޓާބޭސްގެ މައްސަލަތަކާއި، އާންމުންގެ ޒާތީ މައުލޫމާތު ހާމަކުރުމުގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންކަން ހިނގާފައިވުމެވެ. މީކާއިލްގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޒިޔާދު ވެސް ވޯޓު ދެއްވީ ރުހުން ނެތް ކަމަށެވެ.

އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ބައެއް މެމްބަރުންވެސް ފްރީ ވިޕެއްގެ ދަށުން ވަޒީރުންނަށް ރުހުން ދެއްވާފައިވާކަން ފާހަގަކުރައްވައި، މީކާއިލް ވިދާޅުވީ އޭނާގެ ޗެއާޕާސަން ކަމެއްގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދެއްވާނެ ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ދިނުން ފަދަ މުހިންމު ކަންކަމުގައި ގައުމީ މަޖިލީހުގެ ބާރުވެރިކަން އިތުރުކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.