ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީތަކުގެ އަދަދު މަދުކުރައްވައި އަލަށް އެކުލަވައިލެއްވި ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އާ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ. އެ ކޮމިޓީން މައްސަލަ ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހަޅައި ބަހުސަށް ހުޅުވާލުމުން އެ ފުރުސަތު ބޭނުންކުރެއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު އެކަންޏެވެ. އެހެންކަމުން ރިޔާސަތުން ވަނީ ބަހުސް ނިމުނުކަމަށް ކަނޑައަޅައި ވޯޓަށް އައްސަވާފައެވެ. މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއީދާއެކު ހުރިހާ ވަޒީރުންނަށް ވެސް ވަނީ އަޣުލަބިއްޔަތު ލިބިވަޑައިގެންފައެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ބައެއް ވަޒީރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އެގޮތުން އެމްޑީޕީގެ 12 މެންބަރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވިއިރު، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ކްލައިމެޓް މިނިސްޓަރު އަލީ ޝަރީފަށް ރުހުން ނުދޭން އެ ޕާޓީގެ ފަސް މެންބަރަކު ވޯޓު ދެއްވިއެވެ. ރައީސް މުއިއްޒު ކެބިނެޓަށް މި ބޮޑު ބަދަލު ގެންނެވީ، ކުރިން ތިއްބެވި 20 ވަޒީރުންގެ ތެރެއިން 10 ބޭފުޅަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ގެންނެވި ހެޔޮ ބަދަލެކެވެ.
ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި މިހާރު އެކުލަވާލާފައިވާ 14 މިނިސްޓްރީއާއި އެޓާނީ ޖެނެރަލާއެކު ކެބިނެޓުގައި މިހާރު ތިއްބަވަނީ ޖުމްލަ 15 ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު މޫސާ ޒަމީރު، ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ، އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު، އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން، އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު، އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް، ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފް، އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު އަބްދުﷲ ރާފިއު، ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރު ހަސަން ރަޝީދު އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އެވެ.
ކޮމެންޓު ފޮނުވާ