ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަނުކުރަން ސިނާން ނިންމަވައިފި

ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަނުކުރަން ސިނާން ނިންމަވައިފި

Author
އަހުމަދު
29 އޭޕްރިލް 2026 01:17
0

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން، އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ބޭއްވި ޕީއެންސީގެ އެތެރޭގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ނަމަވެސް، އިންތިޚާބުން އެއްކިބާވެވަޑައިގަތުމަށް ނިންމެވިކަން ސިނާން ހާމަކުރެއްވީ 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ޕްރައިމަރީގައި ވޯޓުދެއްވި މެމްބަރުންނަށާއި، ކާމިޔާބީއާ ގުޅިގެން މަރުޙަބާ ވިދާޅުވި ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ލީޑަރޝިޕަށް ޝުކުރު އަދާކުރައްވާފައެވެ.

ސިނާން ވިދާޅުވީ އިންތިޚާބުން ފަހަތަށް ޖެހިވަޑައިގަންނަވަން ނިންމެވީ ފާއިތުވި ތިން ދުވަހު ދާއިރާގެ ގިނަ ރައްޔިތުންނާ މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ. އަދި ޕީއެންސީއަށް މި ގޮނޑި ކާމިޔާބުކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ އައު ބޭފުޅަކަށް ފުރުޞަތު ދެއްވުން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިންތިޚާބުގައި ވާދަނުކުރެއްވި ނަމަވެސް، ޕާޓީން ނެރޭ ކެންޑިޑޭޓަކު ހޮވުމަށް ފުރިހަމައަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ސިނާން ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، މި ނިންމެވުން ޕާޓީގެ ލީޑަރޝިޕަށް މިހާރު އަންގަވާފައިވާނެ ކަމަށާއި، އެ ނިންމެވުން ލީޑަރޝިޕުން އިޙްތިރާމާއެކު ބަލައިގެންފައިވާ ކަމަށް ސިނާން ވިދާޅުވިއެވެ. އަދި ޕާޓީން ކަނޑައަޅާ އައު ކެންޑިޑޭޓަކާއެކު ކެމްޕެއިނަށް ނުކުންނަވާނެ ކަމަށާއި، އައު ރޫޙެއްގައި އެ ކެންޑިޑޭޓް ހޮވުމަށް މަސައްކަތްކޮށްދިނުމަށް ދާއިރާގެ ރައްޔިތުންގެ ކިބައިން އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.