ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތައް ވަގުތީގޮތުން ލައިވް ނުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ޗެނަލް 13 އަށް އަންގައިފި އެވެ.
އެމްއެމްބީސީގެ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަގީލް ސޮއިކުރައްވައި ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އާޓިފިޝަލް ބީޗު ސަރަހައްދުގައި ކޮންމެ ރެއަކު ބާއްވާ އެ މުޒާހަރާތައް ލައިވްކުރާއިރު އާންމު އިޖުތިމާއީ މިންގަނޑުތަކާއި މީޑިއާގެ ސުލޫކީ މިންގަނޑާ ހިލާފު ވާހަކަތަކާއި މަންޒަރުތައް ފެންނަމުންދާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން އެ ހަރަކާތްތައް ލައިވްކުރުން ވަނީ މަނާކޮށްފަ އެވެ.
މި ފިޔަވަޅު އަޅާފައިވަނީ މީގެ ކުރިންދިން އިންޒާރުތަކަށް އެ ސްޓޭޝަނުން ތަބާނުވުމާ ގުޅިގެންނެވެ. އެގޮތުން، މި މައްސަލައާ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ކޮމިޝަނުން ވަނީ މުޒާހަރާ ލައިވްކުރާއިރު އެއް މިނެޓުގެ ޑިލޭއެއް (ލަސްކުރުމެއް) ބެހެއްޓުމަށް ސިޓީއަކުން އަންގާފަ އެވެ. އަދި އޭގެ ފަހުން ޗެނަލް 13 ގެ ވެރިންނަށް ފޯނުން ގުޅައިގެންވެސް ދެ ފަހަރެއްގެ މަތިން އެކަން ހަނދާންކޮށްދީފައިވާނެ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.
ނަމަވެސް އެ އެންގުންތަކާ ހިލާފަށް ތަކުރާރުކޮށް ޑިލޭއަކާ ނުލައި މުޒާހަރާތައް ލައިވްކުރަމުންދާތީ، ގާނޫނާއި ގަވާއިދުގެ ތެރެއިން މައްސަލަ ބަލައި ނިމެންދެން ލައިވްކުރުން މެދުކަނޑާލަން އެންގީ ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ކޮމެންޓު ފޮނުވާ