ފަހަރި ކައިރިއަށް ބަރަހަނާ ހާލުގައި ދިޔަ މީހަކު ޖަލަށްލުމަށް ހުކުމްކޮށްފި

ފަހަރި ކައިރިއަށް ބަރަހަނާ ހާލުގައި ދިޔަ މީހަކު ޖަލަށްލުމަށް ހުކުމްކޮށްފި

Author
އަހުމަދު
27 އޭޕްރިލް 2026 06:24
0

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަމިއްލަ ފަހަރި ކައިރިއަށް ބަރަހަނާ ހާލުގައި ދިޔަ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހު ހިނގި މި ހާދިސާގައި، އެ ފިރިހެން މީހާ ބަރަހަނާކޮށް ހުރެ ގޮސްފައިވަނީ އޭނާގެ އެއްބަނޑު ބޭބެގެ އަންހެނުން ގޭގެ ބަދިގޭގައި އުޅެނިކޮށެވެ. މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލީ ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން އާންމު ތަނެއްގައި ނުވަތަ އާންމުންނަށް ފެންނާނެހެން ޖިންސީ ގުނަވަން ހާމަކުރުމަކީ ކުށެކެވެ. މި މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބުނު މީހާ ކުށަށް އިއުތިރާފުވެފައިވާތީ، ކޯޓުން މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ހޯމަ ދުވަހު އިއްވި ހުކުމުގައިވަނީ، މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، ކުށަށް އިއުތިރާފުވުމުގެ ސަބަބުން އަދަބު އެއް ދަރަޖަ ލުއިކޮށް، ތިން މަހާއި 18 ދުވަހަށް ބަންދުކުރުމަށް ކަނޑައަޅާފައެވެ.

ނަމަވެސް، ތަހުގީގު މަރުހަލާގައި އޭނާ ދެ މަސް ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު ހުކުމުން އުނިކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ. އެހެންކަމުން މި މައްސަލައިގައި އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ އެއް މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.