އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއީލް ގެންނަން ޕާލަމެންޓްރީ ގްރޫޕުން ތާއީދުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއީލް ގެންނަން ޕާލަމެންޓްރީ ގްރޫޕުން ތާއީދުކޮށްފި

Author
އަހުމަދު
27 އޭޕްރިލް 2026 06:21
0

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް ތާއީދުކުރަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.

މީކާއީލް ހިމެނޭހެން 12 މެންބަރުން ތިއްބަވާ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މި ނިންމުން އިއުލާނުކުރީ މިއަދު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، 19 އަދި 20 ވަނަ މަޖިލީހަށް މީކާއީލް އިންތިހާބުވެވަޑައިގަތުމަކީ، ޕާޓީއާއި ރައްޔިތުންގެ ހައްގުގައި އޭނާ ކުރެއްވި ބުރަ މަސައްކަތް ބަލައިގަނެ، ރައްޔިތުން އޭނާއަށް ކުރާ އިތުބާރުގެ ސާފު ހެއްކެއް ކަމަށެވެ. އަދި ޗެއާޕާސަން ކަމަށް މީކާއީލް ވަޑައިގެންފިނަމަ އެއްވެސް މީހަކު ބާކީ ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ނާޒިލް ދެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، ޕާޓީގެ އާންމު މެންބަރުންނާ އޭނާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނާނެ ކަމަށާއި، އެ މެންބަރުންގެ އިހުސާސްތައް ވަރަށް ގާތުން އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ފާއިތުވި ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ޕީޖީގެ ފަރާތުން 100 އަށްވުރެ ގިނަ ރަށަށް ޒިޔާރަތްކޮށް އާންމު މެންބަރުންނާ ބައްދަލުކުރައްވާފައިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މޭ މަހުގެ 26 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިހާތަނަށް މި މަގާމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވަނީ މީކާއީލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.