ވިލިމާލޭގައި ފްލެޓް އަޅަން ކަނޑައެޅި ބިމުގައި ހުރި ގަސްތައް ހިމާޔަތްކުރަން، އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

ވިލިމާލޭގައި ފްލެޓް އަޅަން ކަނޑައެޅި ބިމުގައި ހުރި ގަސްތައް ހިމާޔަތްކުރަން، އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

Author
އަހުމަދު
26 އޭޕްރިލް 2026 11:08
0

ވިލިމާލޭގައި ތަރައްގީކުރާ 300 ފްލެޓްގެ މަޝްރޫއުގެ ދަށުން އަޅާ 3 ޓަވަރުގެ ތެރެއިން އެއް ޓަވަރު، އެތަނުގައި ހުރި ބޮޑެތި ފުނަގަސްތައް ހިމާޔަތްކުރުމުގެ ގޮތުން އެހެން ސަރަހައްދަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ގަސްތައް ކަނޑައިގެން ހައުސިން ޔުނިޓުތައް އަޅަން އުޅޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން އަބަދުވެސް ބަލަނީ ބޮޑެތި ގަސްތައް ނުކަނޑައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެހެންނަމަވެސް އެއް ޓަވަރު އަޅަން ކަނޑައެޅި ބިމުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި، ބައެއް ގަސްތަކުގެ ގޮފިތައް ކަނޑަންޖެހޭތީ އެ ޓަވަރު އެހެން ތާކަށް ބަދަލުކުރަން މިހާރު ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެކަށީގެންވާ މިންވަރަށް ހުސް ޖާގަ ނެތްކަމާއި، ގިނަ އާއިލާތަކެއް ދަތި ހާލުގައި އުޅެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ހިއްކާފައިވާ ބިންތަކަކީ ގޯތި ދީފައިވާ ތަންތަނަށް ވުމުން، ފްލެޓް އަޅާނެ ބިން ނުލިބުމަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ސްކީމްގެ ދަށުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 3،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ވިލިމާލޭގައި އަޅާ ފްލެޓްތަކަށް ޖާގަ ހެދުމަށް މުހިއްޔުއްދީން ސްކޫލް ކުރިމަތީގައި ހުރި ފުނަގަސްތައް ކަނޑަން ފެށުމާއެކު އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން މި މަޝްރޫއު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ދާދިފަހުން ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.