އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ހަފްލާއަކަށް ބަޑިން ހަމަލާދިން މީހާ، އިސްރާއީލް ސިފައިންގެ ލޯގޯ ޖަހާފައިވާ ޓީޝާޓެއް ލައިގެން ހުރި މަންޒަރު ފެންނަ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.
އެމެރިކާގެ ވޮޝިންޓަން ޑީސީގައި ބޭއްވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ" އަށް އަމާޒުކޮށް މި ހަމަލާ ދީފައިވަނީ ކެލެފޯނިއާއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޯލް ތޯމަސް އެލެންއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެއްވެސް މީހެއްގެ އެހީތެރިކަމަކާ ނުލައި އޭނާ މި ހަމަލާ ދިންއިރު، އަތުގައި ޝޮޓްގަނަކާއި ފިސްތޯލެއްގެ އިތުރުން ވަޅިއެއްވެސް އޮތެވެ. މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލާނެކަމަށް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފައެވެ.
މި ހަމަލާއާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ މީސްމީޑިއާގައި އާންމުވެފައިވާ އޭނާގެ ފޮޓޯއަކަށެވެ. ކަޅު ކުލައިގެ އެ ޓީޝާޓުގައި އިސްރާއީލް ސިފައިންގެ ލޯގޯ ފެންނަން ހުރުމުން، އޭނާއަކީ އިސްރާއީލް ސިފައިންގެ މީހެއްތޯ ނުވަތަ އެ ގައުމާ ގުޅުން އޮންނަ މީހެއްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ރަޝިއާގެ އާރްޓީ ނޫހުން "ދަ މަގާ ރިޕޯޓް" އާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެއީ ހަމަލާދިން މީހާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯއެކެވެ. އެހެންނަމަވެސް، ބައިނަލްއަގުވާމީ މައި މީޑިއާތަކުން މި ފޮޓޯގެ ސައްހަކަން އަދި މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ