2028 ގެ ރިޔާސީ ޓިކެޓް ހޯއްދަވާ ބޭފުޅެއްގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނާނަން: މީކާއީލް

2028 ގެ ރިޔާސީ ޓިކެޓް ހޯއްދަވާ ބޭފުޅެއްގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނާނަން: މީކާއީލް

Author
އަހުމަދު
26 އޭޕްރިލް 2026 08:07
0

އެމްޑީޕީގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް، އެ ބޭފުޅެއްގެ ފަހަތްޕުޅުގައި އެންމެ ސާބިތުކަމާއެކު ހުންނަވާނެ އެއް ބޭފުޅަކީ އޭނާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ މީކާއީލް މިހެން ވިދާޅުވީ "އިތުބާރު" ގެ ނަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވެން އޮތީ ޕާޓީގެ އެތެރެ އެކަތިގަނޑަކަށް ވެގެންނެވެ. އެހެންކަމުން، ކުރިއަށް އޮތް ޗެއަރޕަރސަން އިންތިޚާބުގައި މެމްބަރުން ނިންމާ ނިންމުމަކީ ޕާޓީގެ މުސްތަޤުބަލާ ގުޅިފައިވާ ވަރަށް މުހިންމު ނިންމުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ޕާޓީގެ އާންމު މެމްބަރުންގެ ހުރި ކަންބޮޑުވުންތަކަށްވެސް މީކާއީލް ވަނީ އަލިއަޅުވާލައްވާފައެވެ. ޕާޓީ ހިންގުމުގެ ނިޒާމާމެދު ހުރި ޝަކުވާތައް އަޑުއައްސަވާނެ ކަމަށާއި، ޕާޓީގެ ފައިސާ ޚަރަދުކުރެވޭ ގޮތް ވަރަށް ސާފުކޮށް މެމްބަރުންނަށް ހާމަކޮށްދެއްވާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

މީކާއީލް އިތުރަށް ވިދާޅުވީ، މި އިންތިޚާބުގައި އޭނާ ކުރައްވާ ހަމައެކަނި މަސައްކަތަކީ އަދި އަމާޒަކީވެސް 2028 ވަނަ އަހަރު އެމްޑީޕީއަށް އަލުން ވެރިކަން ހޯދައިދިނުން ކަމަށެވެ. އަދި ޗެއަރޕަރސަން އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، ޕާޓީ ދޫކުރައްވައި ދުރަށް ވަޑައިނުގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަން މީކާއީލް ވަނީ އެމްޑީޕީގެ އާންމު މެމްބަރުންނަށް އަރުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.