އެންމެ ވޯޓެއްގެ ތަފާތުން ބަލިވި ދ. މީދޫ ކައުންސިލް އިންތިޚާބުގެ މައްސަލަ ހައިކޯޓަށް

އެންމެ ވޯޓެއްގެ ތަފާތުން ބަލިވި ދ. މީދޫ ކައުންސިލް އިންތިޚާބުގެ މައްސަލަ ހައިކޯޓަށް

Author
އަހުމަދު
25 އޭޕްރިލް 2026 01:14
0

ދ. މީދޫ ކައުންސިލްގެ ރައީސްކަމުގެ އިންތިޚާބުގައި އެންމެ ވޯޓެއްގެ ތަފާތުން ނާކާމިޔާބުވި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމްގެ ފަރާތުން އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ހުށަހެޅި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އެންމެ ފުރަތަމަ ދެއްކި ގޮތުން 393 ވޯޓާއެކު ކުރީގައި އޮތީ ސުހާއެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ. ނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް ޝަރުޠު ފުރިހަމަނުވާ މީހަކު ވޯޓުލާފައިވާކަން ފާހަގަކުރެވި، ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް ވަނީ އެ ފޮށި އަލުން ގުނުމަށް އެދިފައެވެ.

އެ ޝަކުވާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުންގެ އިއްތިފާޤުން ނިންމީ މައްސަލަ ޖެހުނު ވޯޓަކީ ބާތިލު ވޯޓެއް ކަމަށެވެ. އެހެންކަމުން ޖުމްލަ ނަތީޖާއިން އެ ވޯޓު އުނިކުރުމަށްފަހު އީސީން އިޢުލާންކުރި ރަސްމީ ނަތީޖާގައި ސުހާގެ ވޯޓުގެ އަދަދު 391 އަށް ވެއްޓި، 392 ވޯޓާއެކު އިންތިޚާބު ކާމިޔާބުކުރެއްވީ ޝާހިދު ކަމުގައި ވަނީ ކަނޑައަޅާފައެވެ.

އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު ބުނާގޮތުން، އިންތިޚާބީ ޝަކުވާތަކުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ހައިކޯޓަށެވެ. އަދި ރަސްމީ ނަތީޖާ އިޢުލާންކުރާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެފަދަ މައްސަލަތައް ކޯޓަށް ހުށަހަޅަންޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ނަތީޖާއާ މެދު ސުވާލު އުފައްދައި ސުހާގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގަނެ، ހައިކޯޓުން މިހާރު ދަނީ އަޑުއެހުންތައް ފެށުމަށް ތައްޔާރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.