ރާއްޖޭގެ ތާރީޚުގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ރަސްމާލެ" ގެ ބިން ހިއްކުމުގެ މަސައްކަތުގެ 50 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު ވަނީ ހިއްކައި ނިމިފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް އެ މަޝްރޫއުގެ ދަށުން 504 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މިއީ ނިސްބަތުން ބަލާއިރު ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުންވާ ވަރުގެ ބޮޑު ސަރަހައްދެކެވެ. ރަސްމާލޭގެ ޖުމްލަ 1،100 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ބާކީ ބައި ހިއްކުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.
ދުނިޔޭގެ މަސްރަޙުގައި، ހާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމާއި އިމާރާތްކުރުމުގެ ސާމާނު ލިބުމުގައި ހުރި ދަތިތަކާ ހުރެ މަޝްރޫއުގެ ޓައިމްލައިނަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ސަރުކާރުގެ އަމާޒަކީ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި، ޚަރަދު ކުޑަ ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. އަދި ކޮންސްޓްރަކްޝަން ސާމާނު މެދުނުކެނޑި ލިބޭނެ މަގުފަހިކުރުމަށް އެސްޓީއޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. އެގޮތުން ރަސްމާލެއިން ފުރަތަމަ ބުރުގައި 15،000 ގޯތި ދޫކުރުމަށް ނިންމައި އެކަމަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިނިސްޓަރު މުއްތަލިބް ޔަގީންކަން ދެއްވި ގޮތުގައި، ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ނިމޭއިރަށް ބިންތައް ހަވާލުކުރެވޭނެއެވެ. އަދި މި ސަރުކާރުން ގޯތި ދޫކުރާނީ ކަނޑުން ނުވަތަ ނުހިއްކާ އޮތް ތަނަކުން ނޫންކަމަށްވެސް ވިދާޅުވިއެވެ.
ރަސްމާލޭގެ އިތުރުންވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 13 ރަށެއްގައި 825 ހައުސިން ޔުނިޓް އެޅުމާއި، މާލެ ސަރަހައްދުގައި 3،000 ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުން ހިމެނެއެވެ. އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އިތުރު 4،000 ހައުސިން ޔުނިޓް އެޅުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. ރަސްމާލޭގެ މާސްޓަރ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެކަން ނިމުމުން ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތަކަށް ހިނގާނެ ޚަރަދުތައް ސާފުވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ