ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅުވައިގެން ސިޔާސީ މަންފާއަކަށް އެއްވެސް ކުށްވެރިއަކު ބަންދުން މިނިވަންކޮށްފައި ނުވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އައްޑޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބަޔަކު ދޫކޮށްލަން ޖެހުނީ އިންތިޚާބާ ގުޅިގެން ނޫން ކަމަށެވެ. އެ މީހުން ބަންދުން ދޫކޮށްލަން ޖެހުނީ، މީހަކު ހައްޔަރުކުރާ ހިސާބުން ފެށޭ ޖިނާއީ އިޖުރާއަތުގެ ގާނޫނީ ޓައިމްލައިންގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކުރުމާމެދު ގޮތެއް ނިންމަންޖެހޭ މުއްދަތު ހަމަވުމުން، އިތުރަށް ބަންދުގައި ބޭތިއްބޭނެ ގާނޫނީ ހަމައެއް ނެތުމުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަށް މަސްދުވަހުގެ ތަހުގީގަކަށްފަހު ފުލުހުން ގިނަ ހެކިތަކެއް ހޯދާފައިވީ ނަމަވެސް، ޕީޖީން ލަފާދެއްވާފައިވަނީ މިހާރު ހުރި ހެކިތަކާއެކު ކޯޓަށް ގޮސްފިނަމަ އެދެވޭ ނަތީޖާއެއް ނުނިކުމެ ފުލުހުންގެ މަސައްކަތް ބޭކާރުވެދާނެތީ މައްސަލަ އިތުރަށް ވަރުގަދަކުރުމަށެވެ. ގާނޫނީ މުއްދަތު ހަމަވުމުން މީހަކު ބަންދުން ދޫކޮށްލުމަކީ މައްސަލައިގެ ތަހުގީގު ހުއްޓާލުން ނޫންކަންވެސް މިނިސްޓަރު ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
އިންތިޚާބާ ދިމާކޮށް ސަރުކާރަށް ތާއީދު ހޯދުމުގެ ބޭނުމުގައި، ޖަލުގައި ތިބި ބޮޑެތި ކުށްވެރިންތަކެއްގެ އާއިލާތަކާ ބައްދަލުކޮށް އެފަރާތްތައް ދޫކޮށްލާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ސަރުކާރުން ވަނީ މިކަން ދޮގުކޮށްފައެވެ. ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ މާފުދިނުމުގެ ބާރުގެ ދަށުން، މީގެ ކުރީގެ ސަރުކާރުތަކުންވެސް ބޮޑެތި ކުށްތަކުގައި ހުކުމްކޮށްފައިވާ ފަރާތްތައް މިނިވަންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ