ބުލީކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ހަރުކަށި ޖިނާއީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާތައް ފަށައިފި އެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނަދާ ހިސާބަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަންކަން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، ވަކިން ހާއްސަކޮށް ސްކޫލުތަކާއި މުޖުތަމައު ތެރޭގައި ހިނގާ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހާއެކު މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަތަކަށް ގާނޫނީ ގޮތުން ހައްލެއް ހޯދުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.
ސަރުކާރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީފައި މިވަނީ، ބުލީގެ ޝިކާރައަކަށްވި 18 އަހަރުގެ ކުއްޖަކު މިދިޔަ ހޯމަ ދުވަހު އޭނާ ދިރިއުޅެމުންދިޔަ ދަނާލުގެ ކޮޓަރިތެރޭގައި މަރުވެފައި ހުއްޓާ ފެނުނު ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން، ދުރާލާ ފިޔަވަޅު އެޅުމަށާއި ބުލީކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އާންމުން ދަނީ ވަރަށް ބޮޑަށް ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ