ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ސްރީލަންކަން އެއާލައިންސް ގުޅިގެން، ދެ ކުންފުނީގެ ދަތުރުފަތުރުގެ ވިއުގަ ގުޅާލުމުގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މޯލްޑިވިއަންގެ އެހީގައި ރާއްޖޭގެ 17 މަންޒިލަކަށް ވަރަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން ކޮލަމްބޯ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ރާއްޖޭގެ އެކި ރަށްތަކަށް ދިއުމުގެ މަގު ފަހިވެގެންދާނެއެވެ.
ހަމައެއާއެކު، މިއީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. އެގޮތުން، އެއް ޓިކެޓެއްގައި މޯލްޑިވިއަން މެދުވެރިކޮށް ކޮލަމްބޯއަށް ގޮސް، ފަސޭހަ ކަނެކްޝަންތަކަކާއެކު އެތަނުން ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ މަންޒިލްތަކަށް ދަތުރުކުރުމުގެ އިހުތިޔާރު ދިވެހި ދަތުރުވެރިންނަށް ލިބިގެންދާނެއެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ފާހަގަކުރެއްވި ގޮތުގައި، ދެ އެއާލައިންގެ ވިއުގަ ގުޅާލުމަކީ ރާއްޖެއަށް އޮންނަ ދަތުރުފަތުރުގެ ފުރުސަތުތައް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ދެ ކުންފުނި ގުޅިގެން ފަސިންޖަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ މަޝްހޫރު ވަންވޯލްޑް އެލަޔަންސްގައި ހިމެނޭ ސްރީލަންކަން އެއާލައިންސް އިން މިހާރުވެސް އަންނަނީ ޔޫރަޕާއި މެދުއިރުމަތީގެ އިތުރުން އެމެރިކާ އަދި އޮސްޓްރޭލިއާ ހިމެނޭހެން ދުނިޔޭގެ 62 ގައުމެއްގެ 114 މަންޒިލަކަށް ދަތުރުކުރަމުންނެވެ. އެހެންކަމުން މި ޕާޓްނަޝިޕްގެ ސަބަބުން ދިވެހިންނަށާއި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކާ ގުޅާލުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ