އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ރިޔާސީ ޓިކެޓަށް ފައްޔާޒް އިސްމާޢީލް ގެނައުމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ތާއީދުކުރައްވައިފިއެވެ.
ނިޒާރު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަޝީދު އަލުން ޕާޓީގެ ހަރަކާތްތަކާ ގުޅިވަޑައިގަތުމަކީ އެމްޑީޕީގެ ސިޔާސީ މަސައްކަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ރާއްޖެއަށް ސިޔާސީ ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހިފައިވާ މި ދަނޑިވަޅުގައި، ފައްޔާޒަކީ އެކަން ކުރެއްވޭނެ ގާބިލުކަން ހުރި ބޭފުޅެއްކަމަށް އޭނާ ސިފަކުރެއްވިއެވެ. ނިޒާރު އިތުރަށް ވިދާޅުވީ އެމްޑީޕީއާ އިދިކޮޅު ފިކުރުތަކަކީ ޚުދުމުޚްތާރު ވިސްނުންތަކެއް ކަމަށާއި، އެހެންކަމުން ޕާޓީގެ ހިންގުން ހަރުދަނާކޮށް އާ މިސްރާބަކަށް ދަތުރު ފަށަން ޖެހިފައިވާ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ނަޝީދާއި ފައްޔާޒް އެކުގައި ބޭއްވި "ބޮޑު ބަދަލު" ނޫސްވެރިންގެ ބައްދަލުވުމުގައި، ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ފައްޔާޒް ކުރިމަތިލެއްވުމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. މީގެ ކުރިން ސިޔާސީ ގޮތުން ހިޔާލުތަފާތުވުން ބޮޑުވި މި ދެ ބޭފުޅުން އެކުގައި މަސައްކަތްކުރައްވާތާ މިހާރު އަހަރެއްހާ ދުވަސް ވެފައިވާއިރު، ދެ ބޭފުޅުން ގުޅިގެން ވަނީ ވެރިކަން ހިންގުމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާއާއި ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ދެ ބޭފުޅެއްގެ ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ.
މި ބަދަލުތައް މިހާރުން މިހާރަށް ގެނައުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު މަޝްވަރާކުރެއްވުމަށް ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް، ރައީސް ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. ރައީސް ވިދާޅުވެފައިވަނީ ގާނޫނުއަސާސީއާއި ނިޒާމު ބަދަލުކުރުމަކީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި ޒިންމާއެއް ނޫން ކަމަށެވެ.
ކޮމެންޓު ފޮނުވާ