އަތޮޅު ކައުންސިލްތައް އަލުން އިއާދަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި

އަތޮޅު ކައުންސިލްތައް އަލުން އިއާދަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި

Author
ހުސައިން
21 އޭޕްރިލް 2026 04:24
0

ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އުވާލާފައިވާ އަތޮޅު ކައުންސިލްތައް އަލުން އިއާދަކުރުމަށްޓަކައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދަކީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާއާއި 231 ވަނަ މާއްދާއަށް ބަދަލުތަކެއް ގެނެސް، އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމުގެ ތެރެއަށް އަތޮޅު ކައުންސިލްތައް އަލުން ތަޢާރަފުކުރުމެވެ. މި އިސްލާހުގެ ދަށުން، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދިނުމަށާއި، އެ ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުން ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރުމަށް ވަނީ ހިމަނާފައެވެ.

މެންބަރު އިބްރާހީމް މުހައްމަދު ވިދާޅުވި ގޮތުގައި މި ބިލު ހުށަހެޅުއްވީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހިންގުމަށް އަތޮޅު ކައުންސިލްތައް އޮތުން މުހިންމުކަމަށް ފެންނާތީއެވެ. އަދި އިންތިހާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ނެގުނު ހިޔާލުހޯދުމުގެ ވޯޓުގައި 68.74 އިންސައްތަ ރައްޔިތުން އެކަމާ ދެކޮޅުހެދުމުން، އަތޮޅު ކައުންސިލްތައް އުވާލުމަށް ގެނެވުނު ބަދަލަކީވެސް ރައްޔިތުން އެދޭ ގޮތް ނޫންކަން ހާމަވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ބިލުގެ އަމާޒަކީ ގާނޫނުއަސާސީން ތަސައްވުރުކުރި ފުރިހަމަ ލާމަރުކަޒީ ނިޒާމު ކުރިން އޮތްގޮތަށް ރުޖޫއަކުރުމެވެ.

އަތޮޅު ކައުންސިލްތައް އުވާލައި، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި 17 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ ބަދަލާއެކު އަތޮޅު ކައުންސިލްތައް އުވި، ސިޓީ ކައުންސިލްތައް ފިޔަވައި އެހެން ކޮންމެ ރަށެއް ހިންގުން ރަށު ކައުންސިލްތަކާ ހަވާލުކުރެވި، އެ ކައުންސިލްތަކުން ސީދާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށާއި ރައްޔިތުންނަށް ޖަވާބުދާރީވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، އަލަށް ހުށަހެޅުނު މި ބިލު ފާސްވެއްޖެނަމަ، އެ ނިޒާމު އަނބުރާ ކުރިން އޮތްގޮތަށް ބަދަލުވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.