އާ ފުރިހަމަކަމަކާއެކު ސުނާމީ ބިނާ މައިޒާން އާންމުންނަށް ހުޅުވާލައިފި

އާ ފުރިހަމަކަމަކާއެކު ސުނާމީ ބިނާ މައިޒާން އާންމުންނަށް ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
20 އޭޕްރިލް 2026 04:20
0

ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައި އޮތް ސުނާމީ ބިނާ މައިޒާން، އެމްޓީސީސީން މަރާމާތުކުރުމަށްފަހު މިއަދު އާންމުންނަށް ހުޅުވާލައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމްޓީސީސީން ފެށި މަރާމާތުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު އެވެ. މަރާމާތުގެ ކުރިން އެ މައިޒާނުގެ ނެރާ ދިމާލުން ބޮޑު ސަރަހައްދެއްގެ ގާތައް މޫދަށް ފައިބައި، ނަންބޯޑު ހަލާކުވެ އަދި އަލިކަމެއް ނެތް ނަމަވެސް، މިހާރު އެ މަންޒަރު ވަނީ މުޅިން ބަދަލުވެފަ އެވެ. އަލަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ބިންގަނޑު އެއްވަރުކޮށް ގާ އެތުރުމާއި، މޫދާ ދިމާލުގައި ފެންސު ޖެހުން ހިމެނެ އެވެ. އަދި ހަލާކުވެފައިވާ ޖޯލިފަތިތަކުގެ ބަދަލުގައި އާންމުންނަށް ފަސޭހައިން ތިބެވޭނެހެން އިށީންނާނެ ތަންތަން ހަދައި، މުޅި ސަރަހައްދު ދިއްލުމަށް ވަނީ ލައިޓު ހަރުކޮށްފަ އެވެ.

މީގެ އިތުރުން ސުނާމީ ބިނާގެ ދަގަނޑުތަކުގައި ހުރި ދަބަރުތައް ފިލުވައި އެ ބިނާ ވެސް ވަނީ ރީތިކޮށްފަ އެވެ.

ޑިސެމްބަރު 26، 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖެއިން މަރުވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި، އެ މީހުންގެ އަދަދު ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ މި ބިނާ އެންމެ ފުރަތަމަ ބެހެއްޓީ ލޮނުޒިޔާރާތްކޮޅުގަ އެވެ. ނަމަވެސް ސިނަމާލެ ބްރިޖު ހެދުމުގެ މަޝްރޫއާއެކު، އެ ބިނާ ފަހުން ވަނީ ކުރީގެ ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކޮށްފަ އެވެ. މިއަދު އަލުން މި މައިޒާން ހުޅުވާލުމާއެކު، މިއީ އާންމުންނަށް ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ފުރިހަމަ ސަރަހައްދަކަށް މިވަނީ ވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.