400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ދެއްކުމުގެ މުއްދަތު އިތުރުކުރަން ރާއްޖެއިން އެދިއްޖެ

400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ދެއްކުމުގެ މުއްދަތު އިތުރުކުރަން ރާއްޖެއިން އެދިއްޖެ

Author
ހުސައިން
19 އޭޕްރިލް 2026 03:36
0

އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މި މުހިންމު އެއްބަސްވުމަކީ 2024 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެކެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. މީގެ ކުރިން ވެސް، މިދިޔަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު މުއްދަތު ހަމަވި 50 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ފްރީ ދެ ޓްރެޝަރީ ބިލެއް ދެއްކުމުގެ މުއްދަތު އިންޑިއާއިން ވަނީ އިތުރު އެއް އަހަރަށް ފަސްކޮށްދީފައެވެ.

މި ކަރަންސީ ސްވޮޕް ފެސިލިޓީގެ ދަށުން އެމެރިކާ ޑޮލަރު ނުވަތަ ޔޫރޯގެ އިތުރުން އިންޑިއަން ރުޕީސް މެދުވެރިކޮށް ފައިސާ ނެގުމުގެ ފުރުސަތު އެމްއެމްއޭއަށް ލިބެއެވެ. އެގޮތުން 400 މިލިއަން ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްއާ ހަމައަށް އެކި ފަހަރުމަތިން ސްވޮޕް ނެގޭނެއެވެ. މިއީ ރާއްޖޭގެ ކުރުމުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތައް ފުއްދުމަށާއި، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އަމިއްލަ ފައިސާއިން ކުރުމަށް މަގުފަހިކޮށްދޭ ވަރަށް މުހިންމު ވަސީލަތެކެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކުރީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.