ތިލަމާލެ ބްރިޖުގެ 71 ޕަސެންޓް މަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖުގެ 71 ޕަސެންޓް މަސައްކަތް ނިމިއްޖެ

Author
ޙަސަން މުޙައްމަދު
19 އޭޕްރިލް 2026 03:33
0

ރާއްޖޭގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ 71.60 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ ސައިޓުގައި މިވަގުތު އެންމެ ބާރަށް ކުރިއަށްދަނީ ބްރިޖުގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި އެތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. މިގޮތުން، ބްރިޖަށް ބޭނުންވާ ޖުމްލަ 1222 ސެގްމަންޓްގެ ތެރެއިން 84 ޕަސެންޓު ސެގްމަންޓް ކާސްޓްކޮށް މިހާރު ވަނީ ނިމިފައެވެ. އަދި އޭގެ ތެރެއިން 54 ޕަސެންޓު ސެގްމަންޓް ވަނީ އިންސްޓޯލްކޮށްފައެވެ.

ބްރިޖުގެ މައިގަނޑު މަސައްކަތްތަކުގެ އިތުރުން، ގުޅީފަޅުގައި މިހާރު ކުރިއަށްދަނީ ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތެވެ. ހަމައެހެންމެ، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްސް ހަރުކުރުމުގެ މަސައްކަތްތައް ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅާލަދޭ މި ބްރިޖާއި ކޯސްވޭ ނެޓްވޯކްގެ ޖުމްލަ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މިއީ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ، ރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ އެންމެ ބޮޑު އެއް މަޝްރޫއެވެ.

މި ބޮޑު މަޝްރޫއުގައި ކަނޑުގެ ފުން ސަރަހައްދުތަކުގައި 1.45 ކިލޯމީޓަރުގެ މެރިން ވިއާޑަކްޓާއި، މޫދާއި ގޮނޑުދޮށް ހިމެނޭ ސަރަހައްދުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއާޑަކްޓްގެ އިތުރުން، ބިމާ އެއްހަމައެއްގައި ހަދާ 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.