އއ. އަތޮޅުގެ ތިން ރަށަކުން ޕީއެންސީއަށް ލިބުނު ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން: ރާފިއު

އއ. އަތޮޅުގެ ތިން ރަށަކުން ޕީއެންސީއަށް ލިބުނު ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން: ރާފިއު

Author
އައިޝަތު އަޙްމަދު
18 އޭޕްރިލް 2026 11:17
0

ނިމިދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އއ. އަތޮޅުގެ ތިން ރަށަކުން ޕީއެންސީން ހޯދި ބޮޑު ކާމިޔާބީގެ އަސްލަކީ އެންމެން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި ކުރި މަސައްކަތް ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫގައި އެމްޑީޕީ ބޮޑުތަނުން ބަލިކޮށް ސަރުކާރު ހިންގާ މައި ޕާޓީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ އެއް އަމާޒަކަށް ވާސިލުވުމަށް އެއް އާއިލާއެއްގެ ގޮތުގައި އެންމެން އެކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މި ފޮނި ކާމިޔާބީގެ ފަހަތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޕާޓީގެ ލީޑަޝިޕްގެ ހަރުދަނާ ލަފަޔާއި އިރުޝާދުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ތިން ރަށުގެ ކެމްޕެއިން ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވި ރާފިއު ވަނީ، ރައްޔިތުންނާ ގުޅުންހުރި ގިނަ ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި އެ ކައުންސިލްތަކުން ސަރުކާރާ ގުޅިގެން ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް އިހުނަށްވުރެ ވަރުގަދަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން، ރަށްރަށުގައި އޮތް އެއްބައިވަންތަކަން އިތުރުކޮށް ޕީއެންސީގެ ސަފުތައް މިހާރަށްވުރެ ފުޅާކުރުމުގެ މުހިންމުކަމަށް ވެސް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި މި އުފާވެރި ޖަލްސާގައި، ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތީތީ މިނިސްޓަރު ރާފިއު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ކެމްޕެއިންގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ވެސް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.